ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖޭގައި ތައާރަފުކުރުމަށްޓަކާ އެކަމަށް ޝައުގުވެރިވި މަސްވެރިންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ނިންމައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ޕްރޮގްރާމްގެ ބައިވެރީންނަށް ހަދިޔާކޮށްފިއެވެ.

ޕްރްރޮގްރާމްގައި ބައިވެރިވި މަސްވެރިންނަށް ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ލިޔުމާއި އާލަތްތައް ހަވާލުކޮށްދެއްވީ ކަނޑުއޮތް ގިރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދެވެ.

ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑަކީ މާކަނޑުގެ ފުން ސަރަހައްދުގައި އުޅޭ ބޯވަދިލަމަހެކެވެ. މިއީ ފެންމަތިން ފެންނަ ބޯވަދިލަމަހަށްވުރެ ބޮޑު ބޯވަދިލަ މަހެކެވެ.

ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެކަމަށް ބޭނުންވާ އާލަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މިމަހުގެ 8 އިން 10 އަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި 7 މަސްވެރިން ބައިވެރިވިއެވެ. މިޕްރޮގްރާމުގައި ތުތި ބޯވަދިލަމަސް ބޭނުމުގެ އުކުޅުތަކާއި މަސްކަނޑާނެ ގޮތާއި އަދި ވިއްކުމަށް ބާޒާރަށް ނެރެން ބަންދުކުރާނެ ގޮތްތައް ވަނީ އޮޅުންފިލުވައިދީފައެވެ.