ދިވެހިރާއްޖެ މިއަދު ވަނީ ތަރައްގީގެ ރޭހެއްގައި އަވަދިނެތިއެވެ. ފަޅުތައް ހިއްކައި ސިޓީތައް ބިނާ ކޮށްފީމެވެ. ބިޔަ ފާލަންތަކުން ރަށްތައް ގުޅާލައިފީމެވެ. އުސް ފްލެޓްތަކާ ބިޔަ ހޮސްޕިޓަލްތަކުން މާލޭގެ މަލަމަތި ބަދަލުކޮށްފީމެވެ. ތުރާކުނާއި އައްޑޫއާ ދެމެދު ބައިނަލަގުވާމީ ހޮޓެލް ޗެއިންތަކުގެ ރިސޯޓުތަކުން ފުރާލައިފީމެވެ. ފަރުދީ ފުދުންތެރިކަން އިތުކޮށް އެކިއެކި ފަންތީގެ ވިޔަފާރިތަކުން ގައުމުގެ އިގުތިސާދަށް އާރޯކަން ގެނެސްދީފީމެވެ.

މިހިސާބަށްދިޔައިރު މިއިން އެއްވެސް ތަނެއްގައި ކާރިސާއެއް ނުވަތަ ކުއްލި ހާދިސާއެއް ދިމާވެއްޖެނަމަ މަސައްކަތްކުރަން ތިބި ސަރުކާރުގެ މުއައްސަސާތަކުގެ ހާލަތާމެދު ވިސްނާ ފިކުރުކުރަނީ ކިތައްމީހުން ބާވައެވެ. ކުއްލި ހާލަތުގައި މަސައްކަތް ކުރަންތިބި މީހުންނަށް އެކަށީގެންވާ ވަސީލަތްތަކާއި ތަމްރީނާއި އަދި ޒަމާނީ އާލާތްތައް ލިބިފައިވޭތޯ ސުވާލު އުފެއްދީ ކިތައްމީހުން ބާވައެވެ. އެ ޚިދުމަތްތައް އެންމެ އެކަށޭނަ ގޮތެއްގައި ފޯރުކޮށް ދިނުމަށް ބޭނުންވާ ގާނޫނުތަކާއި ގަވައިދުތައް ހެދިފަވިވޭތޯ ސުވާލު ކުރަނީ ސިޔާސީ ކިތައްމީހުން ބާވައެވެ. ދައްކަން މިއުޅެނީ އަލިފާނުން ރައްކާތެރިވުމުގެ ހައްގުގެ ވާހަކައެވެ. ސުވާލު އުފައްދަން މިއުޅެނީ މިޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގާބިލްކަން މުއައްސަސާތަކަށް ލިބިފައިވޭތޯއެވެ.

ތާރީޚުގެ ތެރެއިން ފަޔަރ އެންޑް ރެސްކިއު ސާރވިސަސް

ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލައި އިއްޔެއާއި މިއަދުގެ ހާލަތު ވަޒަންކޮށްލުމުން މެނުވީ ބޮޑު މަންޒަރު ނުފެންނާނެކަން ކަށަވަރެވެ. މާލޭގައި އަލިފާނުގެ ހާދިސާތަކުން ލިބެމުން ދިޔަ ގެއްލުންތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާރވިސްގެ ތެރޭގައި ފަަޔަރ އެންޑް ރެސްކިއު ސާރވިސަސް ޔުނިޓެއް ފުރަތަމަ ގާއިމް ކުރެވުނީ 1 މެއި 1990 ގައެވެ. އޭރު މާލޭގެ ހާލަތަށް ރިޔާއަތްކޮށް މި ސާރވިސް އިތުރަށް ހަރުދަނާ ކުުރުމަށް 1990 ގެ އަހަރުތަކުގެ ތެރޭގައި އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލްތައް ހޯދައި ޚިދުމަތް ހަރުދަނާ ކުރެވުނެވެ.

ނަމަވެސް މާލެއައް އަންނަމުން ދިޔަ ހަލުވި ތަރައްގީއާއި ގައުމަށް އައި ސިޔާސީ އޮއިވަރުގެ ތެރޭގައި މި ސާރވިސްއަށް ބޭނުންވާ ތަރައްގީ ގެނައުމަށް ޚަރަދުކުރަން ވޭތުވެދިޔަ ވިއްސަކަށް އަހަރު ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. ދިވެހިރާއްޖޭގެ ޑިޒާސްސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޖަޕާނުން 2018 ވަނަ އަހަރު ވެދިން ހިލޭ އެހީގެ ދަށުން 25 ފަޔަރ ވެހިކަލް ހަދިޔާކުރުމުން މިއަދު މި ސާރވިސް ވަގުތީ ހިންދެމިލުމަކުން ހިންދެމިލާފައިވީ ނަމަވެސް ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް ވަނީ ފުރިހަމަ ނުކުރެވިއެވެ.

ދުނިޔޭގެ ގައުމުތަކުގައި މިކަންކުރާގޮތް

ރާއްޖޭގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ހާލަތު އެންމެ އެކަށޭނަ ގޮތަކަށް ވަޒަން ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި މި ޚިދުމަތް ދެމުން އަންނަ އުސޫލުތަކާއި ގޮތްތަކަށް ބަލާލުމަކީވެސް އޮތްކަމެކެވެ. އަވަށްޓެރި އިންޑިއާ އާއި ލަންކާގައި މި ޚިދުމަތް ދެމުން އަންނަނީ އެކަމަށް ޚާއްސަކުރެވިފައިވާ "ފަޔަރ ބްރިގޭޑް" ނުވަތަ ވަކި މުއައްސަސާއަކުންނެވެ. އަޅުގަނޑުމެން އެންމެން އެ ގައުމެއް ނަމޫނާއަކަށް ބަލާ ސިންގަޕޫރުގައިވެސް މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ސަލާމަތީ ބާރުތަކުގެ ތެރެއިން ސިވިލް ޑިފެންސް ފޯސްގެ ނަމުގައި މިކަމަށް ޚާއްސަކުރެވިފައިވާ ވަކި މުއައްސަސާއަކުންނެވެ.

މެދުއިރުމަތީގެ ގައުމުތަކާއި ޔޫރަޕުގެ ގައުމުތަކުގައިވެސް ކަން އޮތީ މިހެންނެވެ. ޝީސެލްސްއާއި މޮރިޝަސް ފަދަ ކުދި ޖަޒީރާ ގައުމުތަކުގައިވެސް ކަން ކުރަމުން އަންނަނީ މި އުސޫލުންނެވެ. މިދެންނެވި ގައުމުތަކުގައި މި ޚިދުމަތް ދިނުމަށް ކަޑައެޅިފައިވާ މުއައްސަސާތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ރާވައި ބައްޓަންކުރުމަށް ގާނޫނީ މެންޑޭޓޭއްވެސް އޮންނަނީ ދީފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްތަކުން ދެމުން އަންނަނީ ހަމައެކަނި އަލިފާން ނިއްވުމުގެ ޚިދުމަތެއް ނޫނެވެ. ޓްރެފިކް އެކްސިޑެންޓުތަކަށް ރެސްޕޮންޑު ކުރުމާއި ކެމިކަލް އަދި ބައިލޮޖިކަލް މާއްދާތައް އެކުލެވޭ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވެ ތިބުމާއި އަދި ޕެރެމެޑިކުން ބޭނުންކޮށްގެން އެމްބިއުލަންސްގެ ޚިދުމަތް ދިނުމުގެ އިތުރުން އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަކީވެސް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެހެންމެ ޓެކްނިކަލް އަދި އާރބަން ސާރޗް އެންޑް ރެސްކިއުގެ ޚިދުމަތާއި މެރިން ފަޔަރ ފައިޓިންގެ އިތުރަށްވެސް އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތަކަށް ތައްޔާރުވެ ތިބުމަކީ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ޒިންމާއެކެވެ.

އަލިފާނުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު ސިފަސިފާގައި ގިނަގުނަ މަސައްކަތްތަކެއް މި ޚިދުމަތްތަކުން ކުރެއެވެ. އެގޮތުން އިމާރާތްތަކުގެ ފަޔަރ އެންޑް ލައިފް ސޭފްޓީ އިންސްޕެކްޝަން ހެދުމަކީ އެއް މަސައްކަތެކެވެ. ފަޔަރ ކޯޑް އަދި ބިލްޑިން ކޯޑް ތަންފީޒުކުރުމުގެ ގާނޫނީ ބާރުވެރިކަން ވެސް މި ޚިދުމަތްތަކަށް ލިބިދީފައިވެއެވެ. މިކަމުގެ ބޭނުމަކީ އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް ހިތާމަވެރި އެކްސިޑެންޓުތަކުން މުޖުތަމައަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ރޭވިގެން މަސައްކަތް ކުރުމެވެ.

ރާއްޖޭގައި މިވަގުތު މިކަންއޮތް ހާލަތު

ސިފައިންގެ ގާނޫނު 1/2008 ގެ ދަށުން ދިވެހި ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް ދިވެހި ސިފައިންގެ މައްޗަށްވަނީ ލާޒިމްކޮށްފައެވެ. ނަމަވެސް އެގާނޫނުގައި ބަޔާންކޮށްފައި ވަނީ އަލިފާން ނިއްވުމުގެ ވާހަކަ އެކަންޏެވެ. އެ ގާނޫނުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ބޭނުންވާ މިންވަރާ ގާތަށްވެސް ގާނޫނީ މެންޑޭޓެއް ލިބިފައި ނުވެއެވެ. ދިވެހިރާއްޖޭގައި ކުޑަމިނުން ފަޔަރ ސޭފްޓީ ކޯޑެއް ނުވަތަ މިންގަޑެއްނެެތެވެ. އަލިފާން ނިއްވާ ނިޒާމްތައް ގާއިމްކުރެވިފައިވޭތޯ ނުވަތަ ގާއިމްކުރެވިފައިވާ ނިޒާމްތައް މަސައްކަތް ކުރޭތޯ ބެލޭނެ އެކަށޭނަ ނިޒާމެއްވެސް ނެތެވެ.

އަޅުގަނޑުމެންގެ ތެރޭގައި ގެދޮރު ބިނާކުރުމުގެ ވައްޓަފާޅިއާއި ހިފާ ގެންގުޅޭ ސާމާނަށް ބަދަލު އަތުވެއްޖެއެވެ. ގެދޮރު ބިނާކުރުމުގައި ވަކި މިންގަނޑެއްނެތެވެ. އިމާރާތްކުރުމަށް އެމީހަކު ހިތުހުރި އެއްޗެއް ބޭނުން ކުރާ ފަހަރުވެސް މަދެއް ނުވާނެއެވެ. ލައިޓް ވެއިޓް ކޮންސްޓްރަކްޝަން މެޓީރިއަލާއި ކުނޑި ލަކުޑި ފަރުނީޗަރަކީ އޭގައި އަލިފާން ރޯވުމުން އިސާހިތަކު ގަދަޔަށް ހުޅުހިފައި އަނދާ ހުލިވާ އެއްޗިއްސެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ދިރާސާކޮށް ހޯދާފައިވާ ހޯދުންތަކެވެ.

ދިވެހިރާއްޖޭގެ އިމާރާތްކުރުުގެ ގާނޫނު، 4/2017 ވުޖޫދަށް އައިސްފައި ވީނަމަވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބިލްޑިންޑް ކޯޑް މިހާތަނަށް ހެދިފައެއްނުވެއެވެ. ބިލްޑިންގް ކޯޑް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ ފަރާތެއްވެސް ފަހުމްވާކަށްނެތެވެ. މިޒާތުގެ ބިޔަ ގޮންޖެހުންތަކާއެކުގައިވެސް ދިވެހި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ކުރަމުން ގެންދާ މަސައްކަތަކަށް އައްސަރިބަހާ ސާބަސް ހައްގުވެއެވެ. ލިބިފައިވާ މަދު ވަސީލަތްތަކާއެކު ފުރާނަ އަތް މައްޗަށްލައިގެން ގައުމުގެ އަފުރާދުންގެ ހައްގުގައި ވަމުންދާ ގުރުބާނީއަށްޓަކައި އެ ސާރވިސްގެ ފަޔަރ ފައިޓަރުންނަށް ޝުކުރުވެރިވުން ލާޒިމެވެ.

ގައުމީ ފަޔަރ އެންޑް ރެސްކިއު ސާރވިސްއެއް އުފެއްދުން

ދިވެހިރާއްޖެއަށް އަންނަމުންދާ ތަރައްގީއާ އެއްވަރަކަށް ގައުމުގެ އެެމަޖެންސީ ސާރވިސް ކުރިއަރައި ތަރައްގީވާން އެބަޖެހެއެވެ. މިއަދު ދެބަސްވެވެން ނެތް ހަގީގަތަކީ ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތާ ވަކިވެފައިވާ ގައުމީ ފަޔަރ އެންޑް ރެސްކިއު ސާރވިސްއެއް ވުޖޫދަށް އަންނަން ވެއްޖެކަމެވެ. ސިފައިންގެ ތެރޭގައި އެ ސާރވިސް ދެމިއޮތްހައި ހިނދަކު އެ ސާރވިސް ކުރިއަރަމުން ނުދާނެކަން ތަޖުރިބާގެ އަލީގައި ގަބޫލުކުރަން ވެއްޖެއެވެ. މިކަމުގެ އެންމެ އަލިގަދަ ދަލީލަކީ ދިވެހި ފުލުހުންގެ ޚިދުމަތެވެ. ރިޔާސީ ގަރާރަކުން 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ 300 މީހުންނާއެކު ސިފައިންނާއި ވަކިވެގެން އުފެދުނު ދިވެހި ފުލުުހުންގެ ޚިދުމަތް މިއަދު ވަނީ ދެކުނު އެޝިޔާ ސަރަހައްދުގެ ފުލުހުންގެ ޚިދުމަތްތަކާ އަރާ ހަމަކޮށް ދުނިޔޭގެ ސަފުގައި ފައިތިލަ ސާބިތުކޮށްފައެވެ. ދުނިޔޭގެ ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެ މަދަދުވެސް ދިވެހި ފުލުހުން ކުރިއަރައި ދިއުމަށް އިންތިހާއަށް ލިބެމުންދެއެވެ.

މިފުރުސަތު ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށްވެސް ދޭން އެބަޖެހެއެވެ. ސިފައިންގެ މުއައްސަސާގެ ތެރޭގައި ތާށިވެފައި އޮތްހައިހިނދަކު ބޭރުގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްތަކާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު އެ ސާރވިސްއަށް އޮންނާނީ ގެއްލިފައެވެ. ސަބަބަކީ ފަޔަރ އެންޑް ރެސްކިއު ސާރވިސްތަކަކީ މަދަނީ ޚިދުމަތަކަށް ވުމެވެ. ވަކި ޚިދުމަތެއްގެ ގޮތުގައި އަސްކަރިއްޔާއިން ބޭރުން އަމިއްލަ ބަސް ކިޔޭ، އަމިއްލަ އަމާޒު ކަނޑައެޅޭ ސާރވިސްއަކަށް ފަޔަރ އެންޑް ރެސްކިއު ސާރވިސް ހަދަން އެބަޖެހެއެވެ. އަސްކަރީ އުސޫލުން ބޭރުވެ އިޖްތިމާއި ޚިދުމަތުގެ ފަލްސަފާގެ ތެރެއިން ރައްޔިތުންނާ ގުޅުން ބަދަހި ބަޔަކަށް ވާން އެބަޖެހެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ފަޔަރ އެންޑް ރެސްކިއު ސާރވިސް ވާން ޖެހޭނީ ފަޔަރ އެންޑް ރެސްކިއު ސާރވިސް ގާނޫނަކުން ބާރު ލިބިގެން މަސައްކަތް ކުރާ މުއައްސަސާއަކަށެވެ. މި ސާރވިސްގެ މަގުސަދަކަށް ވާން ޖެހޭނީ ދިވެހިރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކުއްލި ނުރައްކާތެރި ކޮންމެ ހާލަތަކަށް އިޖާބަދީ ރައްޔިތުންގެ ފުރާނައާއި ގެދޮރު ރައްކާތެރި ކުރުމެވެ. އަލިފާނުގެ އާފާތްތަކުން މުޖުތަމައު ސަލާމަތްކުރުމަށް އިސްނަގައިގެން މަސައްކަތް ކުރުމެވެ. މި ޚިދުމަތް ވާން ޖެހޭނީ ތަމްރީނާއި ހުނަރު ލިބިފައިވާ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ނުރައްކާތެރި ކުއްލި ކޮންމެ ހާލަތްތަކުން ގައުމުގެ އަފުރާދުން ސަލާމަތްކުރަން ތައްޔާރަށް އޮންނަ ޚިދުމަތަކަށެވެ.