ބަންގްލަދޭޝްގެ ޗުނަރަގަތު ސްޓޭޓްގައިވާ ސަދޭކްޕޫރު އަވަށުގައި އިއްޔެ ހިނގި މަރާމާރީއެއްގައި ދިވެއްސަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ނޫހެއްގައި ރިޕޯޓްކޮށްފި އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޔޫއެންބީ"ގައި ރިޕޯޓް ކުރި ހަބަރެއްގައިވާ ގޮތުން މަރާމާރީގައި މަރުވެފައި ވަނީ އުމުރުން 35 އަހަރު ލާލު ޝާހެވެ.

އޭނާގެ އިތުރު ތަފްސީލެއް ހަބަރުގައި ނެތެވެ. އޭނާ އާއިލާއާ އެކު ބަންގްލަދޭޝްގައި ދިރިއުޅެމުން ގެންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށްވެސް ނޫހުގައިވެ އެވެ.

ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ޔޫއެންބީ ނޫހުގައި ވަނީ އިއްޔެ ހިންގި މާރާމާރީ ހިންގާފައި ވަނީ ލާލު ޝާހުގެ ދަރިއަކާއި އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ޖަބީދު އަލީގެ ދަރިއަކާ ދެމެދު ހިނގި ހަމަނުޖެހުންތަކަކަށް ފަހު ކަމަށެވެ.

މިހަމަނުޖެހުންތަކުގައި ޖަބީދުގެ އާއިލާގެ ބައެއް މީހުން ގޮސް ތޫނު އެއްޗަކުން ލާލް ޝާހަށް ހަމަލާދީ އޭނާ ޒަހަމް ކޮށްލި ކަމަށް ހަބަރުގައިވެ އެވެ.

ލާލް ޝާހް ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ޔޫއެންބީން ރިޕޯޓްކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ޖަބީދު އަލީއާއި އިތުރު ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ހަބަރުގައިވެ އެވެ.

ބަންގްލަދޭޝްގެ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިމައްސަލާގައި ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.