އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރު ކުރުމަކީ އާއްމު ގޮތެއްގައި ތަކުލީފު ބޮޑު ކަމެކެވެ. މުހިއްމު އެއްޗެއް ބާއްވާފައި ދެވިދާނެ ކަމުގެ ބިރަކީ އަބަދުވެސް އޮންނަ ބިރެކެވެ. އެގޮތުން މިފަހަރު މިއޮތީ ދަރިފުޅު އެއާޕޯޓުގައި ބަހައްޓާފައި ބޯޓު ނައްޓާލުމުން، ދަރިފުޅު ބަލައި ބޯޓު އަނބުރާ ދާން ޖެހިފަ އެވެ.

ސައުދީ އެރަބިއާގެ ގައުމީ އެއާލައިން ކަމަށްވާ ސައުދިއާއިން އެ ގައުމުގެ ޖިއްދާއިން މެލޭޝިއާގެ ކުއާލަ ލަމްޕޫރަށް ދިއުމަށް ހަމަޖެހިފައި އޮތް މަތިންދާބޯޓު އަނބުރާލީ ބޯޓުގައި އިން ފަސިންޖަރަކަށް އޭނާގެ ދަރިފުޅުވީ އެއާޕޯޓުގައި ކަން ރޭކާލުމުން ބޯޓުގެ ކެބިން ކްރޫންނަށް އެކަން އެންގުމުންނެވެ.

ޕައިލެޓުންގެ ސަމާލުކަމަށް މިކަން އައުމުން އާޝޯހުވެފައި ތިބި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ކިބައިން ޕައިލެޓުން ހުއްދަ ހޯދީ އެ ކުއްޖާ ބަލައި އަނބުރާ ބޯޓު އައުމަށެވެ.

ގަލްފް ނިއުސް އިން ހާމަކުރާ ގޮތުގައި އެ ފަސިންޖަރު އޭނާގެ ދަރިފުޅު ބަހައްޓާފައިވަނީ ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ލައުންޖުގަ އެވެ.

އަރަބި މީސްމީޑިއާގައި އާއްމުވެފައިވާ އޯޑިއޯ ކްލިޕްއެއްގައި ވަނީ މިކަމާ ގުޅިގެން އެއާ ޓްރެފިކް ކޮންޓްރޯލަރުން އާޝޯހުވި މިންވަރު ހާމަވެފަ އެވެ.

މި އާދަޔާޚިލާފު ހާދިސާ ހިނގާފައިވަނީ ނިމިދިޔަ ހަފުތާ ބަންދު ތެރޭގަ އެވެ. ފްލައިޓް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި ޖިއްދާއިން ކުއާލަ ލަމްޕޫރަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ސައުދީއާގެ ފްލައިޓެއް ހުސްވި ހޮނިހިރު ދުވަހު ވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ޑިލޭއަކަށް ފަހު ފުރާފަ އެވެ. އެހެންނަމަވެސް މިއީ މި ހާދިސާ ހިނގި ފްލައިޓް ކަމެއް ސާފެއް ނުވެ އެވެ.

ހަމައެއާއެކު މި ހާދިސާ ހިނގާފައިވަނީ ބޯޓު އެއާޕޯޓުން ނައްޓާލި ފަހުން ކަމެއް ނުވަތަ ބޯޓު ނައްޓާލުމަށްޓަކައި ޓެކްސީ ކުރަނިކޮށް ކަމެއްވެސް ސާފެއް ނުވެ އެވެ.

ނިމިދިޔަ އަހަރު ޖަރުމަނުވިލާތުގެ ފުލުހުން ހާމަކުރި ގޮތުގައި ދެމަފިރިއަކު ވަނީ އެމީހުންގެ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އައިސް އެ ގައުމުގެ ސްޓުޓްގާޓުގެ އެއާޕޯޓެއްގައި ދަރިފުޅު ބަހައްޓާފައި ގެއަށް ގޮސްފަ އެވެ. އުމުރުން ފަސް އަހަރުގެ އެ ކުއްޖާ ފުލުހުންނަށް ފެނިފައިވަނީ އެއާޕޯޓް ތެރޭގައި އެކަނި އުޅެނިކޮށް ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ހާދިސާ ހިނގީ ދެމަފިރިން ވަކިން ދެ ކާރެއްގައި ނައްޓާލި އިރު، ދަރިފުޅުވީ އަނެކާގެ އަތުގައި ކަމަށް ދެމީހުންނަށް ވެސް ހީކުރެވުމުން ކަމަށް ފުލުހުން ބުންޏެވެ.