(10 މާޗް 2019އާ ގުޅޭ)

"އައްދޭ. މަށަށްވެސް އެނގޭ ކަލޭ ބިރު ނުގަންނާނެކަން. އެކަމަކު މަމި ހަދަނީ ތެދު. އެއޮތް ބަޅަލަކީ މިތަނުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ބުޅަލެއް. އެ ސޮރުގެ ގެއަކީ މީ. މަށަށް ޔަގީން އެއީ ބުޅަލެއް ނޫންކަން. ކަލޭ ގަބޫލު ނުކޮށްފާނެ. އެކަމަކު މިއީ ހަގީގަތް" ނަޖުމީ ދައްކަމުން ދިޔަ ވާހަކަތައް ހުސޭނަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާކަން ދައްކާކަށް ހުސޭނު ބޭނުމެއް ނުވިއެވެ.

"ތިގޮތަށް ގަބޫލުކުރަންޏާ ގަބޫލުކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ދެން ވެސް މާ ވާހަކަ ގިނަ ނުކޮށް އަވަހަށް އެ ފަރާތަށްދޭ. އަނެއްކާ އަނެއް ވަގު މިތަނަށް ވަދެދާނެ" ހުސޭނު ބޭނުންވީ ނަޖުމީ އެތަނުން ފޮނުވާލާށެވެ. އޭނާ ބޭނުންވީ ހިނގައިދިޔަ ހާދިސާއާމެދު ވިސްނާށެވެ. ޔުނިވަރސިޓީ ތެރެއަށް އެ ވެއްދުނީ އިންސާނެއް ހެއްޔެވެ؟ ގައިމު ވެސް ފުރަތަމަ ފެނުނީ އިންސާނެއްގެ ސޫރައިގައެވެ. އެ މޫނަކީ ދަންނަ މޫނެކެވެ. ކޮންމެވެސް ދުވަސްވަރަކު ދުށް ހަނދާންވާ މޫނެކެވެ.

ހުސޭނު ނިއުޅަމުން ދިޔަ މާޒީގެ ހަނދާންތައް ފަށްޖެހުން އައިސް އޭނާގެ ސިކުނޑިން ނަމެއް ބުނެދިނެވެ. އެއީ ޒުހުރާއެވެ. މީގެ 8 އަހަރު ކުރިން ޔުނިވަރސިޓީ ތެރެއިން ގެއްލުނުނުކަމަށް ބުނާ ކުއްޖާއެވެ. ހުސޭނަށް ލެވުނު ފުންނޭވާއާއެކު އެތައް ސުވާލުތަކެއް ސިކުނޑިއަށް ޖަމާވާން ފެށިއެވެ. އެ ކުއްޖާއާ ބުޅަލާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ކުއްޖާ ބުޅަލެއްގެ ސޫރައަށް ބަދަލުވީ ހެއްޔެވެ؟ ބަދަލު ނުވާނަމަ އެ ކުއްޖާ ކޮބައި ހެއްޔެވެ؟ ވަނީ ކޮންތާކަށް ހެއްޔެވެ؟ ޖަމާވަމުން ދިޔަ ސުވާލުތަކާއެކު ހުސޭނަށް ހަނދާންވަމުން ދިޔައީ ނަޖުމީގެ ވާހަކަތަކެވެ. އެ ވާހަކަތަކުން ހުސޭނަށް ގަބޫލުކުރެވުނީ ނަޖުމީއަށް އެތައް ކަމެއް އެނގޭކަމެވެ.

ޑިއުޓީ ނިންމާފައި ހުސޭނު ދިޔައީ ނަޖުމީ ގާތަށެވެ. އޭރު ނަޖުމީ ވެސް ގެއަށް ދިއުމަށް ހިނގައިގަންނަނީއެވެ. ހުސޭނު ފެނުމާއެކު ނަޖުމީ މަޑުކޮށްލީ ކޮންމެވެސް ވާހަކައެއް ހުސޭނު ދައްކަން އުޅޭހެން ހީވެގެންނެވެ.

"އައްދޭ ގެއާ ދިމާއަށް ނުގޮސް މި ފަރާތަށް ތި އައްޔޯ؟" ނަޖުމީ ސުވާލުކުރިއެވެ.

"ހިނގާބަލަ ސަޔަކަށް؟ އަހަރެން އެބަ ޖެހޭ ވާހަކައެއް ދައްކާލަން" ހުސެނު ބޭނުންވީ ނަޖުމީއާ ވާހަކަދައްކާލާނެ ފުރުޞަތެއް ހޯދާށެވެ.

"މިތަނުގެ ކެންޓީނު އަދި ނުހުޅުވާނެ. ދާންޖެހޭނީ ބޭރަށް. ޕީޓްރަލްއަށް ދާންވީނު" ދާންވީ ތަން ބުނީ ހުސޭނެވެ.

"މަށަށް ހެޔޮ ކޮންމެ ތަނެއްވިޔަސް. ދައްކަން ތިއުޅޭ ވާހަކަ ދެއްކެނިކޮށް ނިމުނީ" ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަޖުމީއަށް އެނގޭކަހަލައެވެ. އެ ވާހަކަތަކުގައި ތިއްބާ ދެ މީހުންނަށް ހޮޓަލަށް ވަދެވިޖެއެވެ. ދެތިން ހެދިކާއަކާއި ދެ ކަޅު މޭޒުމަތީ ބެހެއްޓިއްޖެއެވެ.

"އަޅެ ދޮގު ނުހަދާ ބުނެބަލަ ރޭ ފެނުނު ބުޅަލަކީ ކޮން ބުޅަލެއް؟" ހުސޭނުގެ ހިތުގައި އޮތް ސުވާލު ނަޖުމީއަށް ހުށަހެޅިއެވެ.

"ތި ވާހަކަ ދެއްކޭނީ އެންމެ ފުރަތަމަ ރޭގައި ހިނގި ކަންތައް ހުސޭނު ކިޔައިދިނީމާ" ހުސޭނު ކުރި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ނަޖުމީ ބޭނުންވީ ހުސޭނަށް ދިމާވި ކަންތައް އޭނާގެ ދުލުން ބުނުވާށެވެ.

"ރޭ ފަތިސްދަމު ދަނާލަށް ނުވަދެވިފައި ހުރި އަންހެން ކުއްޖަކު އަހަރެން ޔުނިވަރސިޓީ ތެރެއަށް ވެއްދިން. އަހަރެންނަށް ހީވީ އެއީ ދަނާލުގައި އުޅޭ ކުއްޖެއްހެން. ނަމަވެސް އެ ކުއްޖާ ގޭޓުން އެތެރެވުމާއެކު އެ ގޯޅިތެރެއިން ގޮސް ގެއްލުނީ. އޭރު ހަޅޭއްލަވައި ގަތީ އެހެންވެ. ދެން ފެނުނީ އެތާ އުޅޭ ބުޅާ. ފަހުން އެ ސޫރައާމެދު ވިސްނާލި އިރު އެއީ މީގެ އަހަރުތަކެއް ކުރިން ގެއްލިގެން އުޅުނު ކުއްޖެއްހެން ހީވަނީ" ހުސޭނަށް ކަންތައް ދިމާވި ގޮތް އޭނާ ކިޔައިދިނެވެ.

"ތިއީ އަހަރެން ވެސް ތަޖުރިބާ ކުރި ކަމެއް. އެއީ ހަމަ އެކުއްޖާ. އެ ވާހަކަ އަހަރެން ނުދައްކަނީ އެހެން މީހުން ގަބޫލު ނުކުރާނެތީ. އަނެއްކާ އެ ވާހަކަދެއްކުމުން މިތަނުގައި އުޅޭ ކުދިންނާއި މީހުން ބިރުން އުޅެދާނެތީ" ނަޖުމީގެ ތަޖުރިބާ އޭނާ ހިއްސާ ނުކުރާ ސަބަބު ކިޔައިދިނެވެ.

"އެހެންވެތަ އެ ބުޅަލަށް މާ ހެޔޮ އެދެނީ؟" ހުސޭނު ސުވާލުކުރީ އޭނާއަށް ފާހަގަކުރެވިފައިވާ ކަމަކާ ގުޅުވައިގެންނެވެ.

"އަހަރެންނަށް ގަބޫލުކުރެވެނީ އެ ބުޅާ މިތަނުގައި އެ އުޅެނީ އުޅޭހިތުންކަން. އެހެން ބުޅާތަކާ ޚިލާފަށް އެ ސޮރު މި ތަނުން ނުކުންނާކަށް ބޭނުމެއް ނުވޭ" ނަޖުމީގެ ވާހަކަތައް މެދުކަނޑާލަމުން ހުސޭނު އެއްސެވެ.

"ކީއްވެ ތިހެން ތި ބުނީ؟"

"ޔުނިވަރސިޓީތެރޭ ބުޅާތައް ގިނަވަގެން އެއް ފަހަރަކު އެ ބުޅާތައް ބޭރު ކުރެވުނު. ރޭ ފެނުނު ބުޅާވެސް އެ ފަހަރު ބޭރުކުރިން. ނަމަވެސް ނުނިކުންނަށް އެ ސޮރު ވަރަށް ވަރުދެއްކި. ވަރަށް ގޮވާ ހެދި. އެ ބުޅާތައް ނީލަން ފިހާރަބަރި ކައިރިއަށް ދޫކޮށްލީ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވޭ އެ ސޮރު އައިސް އޮތީ ގޭޓު ކުރިމަތީ. ނަމަވެސް ތަފާތަކީ ގޭޓު ހުޅުވާފައި ހުއްޓަސް ނުވަންކަން. ގަދަ އަވީގައި ގޮވާލަގޮވާލާ އެތައް އިރަކު އޮތްކަން. އެންމެ ފަހުން އަހަރެންނަށް އުނދަގޫވެގެން އެސޮރު ވެއްދީ. ސައިކަލުތައް އެ ބަހައްޓާ ތަނަށް ފޮނުވާލީ. އޭގެ ފަހުން އެ ބުޅަލަކީ މިތަނުގައި އޮންނަ ބުޅަލެއް" އެ ބުޅަލާއެކު ކުރެވިފައިވާ ތަޖުރިބާ ނަޖުމީ ހިއްސާކުރިއެވެ.

"ތިބުނީ އެއީ ބުޅަލެއް ނޫނޭތަ؟" ހުސޭނު ސުވާލުކުރިއެވެ.

"ތިހެނެއް މަށެއް ނުބުނަން. މަށަށް އެނގެނީ އެހެން ކަހަލަ ބާރުތަކެއް އެ ބުޅަލަށް ލިބިފައިވާކަން. އެ ބުޅަލުގެ ވިސްނުން އެހެން ބުޅާތަކާ ތަފާތުކަން. އުޅޭ އުޅުންވެސް ތަފާތުކަން" ނަޖުމީ ޖަވާބު ދިނެވެ.

"ތި ބުނާ ތަފާތެއް މަށަށް ފާހަގައެއް ނުކުރެވޭ؟" ހުސޭނު ބޭނުންވީ ނަޖުމީ ލައްވާ އިތުރު ވާހަކަތައް ބުނުވާށެވެ.

"އެ ބުޅަލަކީ ކެންޓީނު ކައިރިއަށް ދާ ބުޅަލެއް ނޫން. މުޅި ތަނުގައި ދުވެ ހަދާ ބުޅަލެއް ނޫން. ދުވާލުގަޑީ މުޅިންހެން ވެސް ފެންނާނީ ސައިކަލުތައް ޕާކުކުރާ ތަނުގައި އުޅޭތަން. އެއީ އެ ސޮރުގެ މާހައުލު. އަނެއްކަމަކީ ކިޔަވަން ތިބޭ ދަރިވަރުން ގާތުގައި އުޅޭހިތްވާކަން. އެތަނުގައި ބަޔަކު ކިޔަވަން ތިބޭނަމަ އެތާ ކައިރި ބަލަހައްޓައިގެން އޮންނާނެ" ނަޖުމީއަށް ފާހަގަކުރެވުނު ކަންކަން އޭނާ ހިއްސާކުރިއެވެ. އެ ވާހަކަތަކުން ބައެއް ވާހަކަތަކުގެ ތެދުކަން ހުސޭނު ވެސް ގަބޫލުކުރިއެވެ. ދުވަހަކު ވެސް ކެންޓީނާ ދިމާއިން އެ ބުޅާ ދުށް ހަނދާނެއް ހުސޭނު ނުވެއެވެ. މުޅީންހެން އެ ބުޅާ އޮންނަނީ އެ ބުނާ ތަނުގައިކަން ހުސޭނުވެސް ގަބޫލުކުރިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ހުސެނު އިނީ ޑިއުޓީގައެވެ. އެނާ އިނީ މިސްކިތާ ދިމާ ބޭރު ފެންނަ ގޮތަށެވެ. ބޭނުމަކީ ބުޅަލުގެ ކަންހުރި ގޮތް ދެނެގަތުމެވެ.

ހަތަރެއް ޖެހުމާއެކު އެކި ކޮޅުކޮޅަށް ދަރިވަރުން ހިނގާބިނގާވެ އުޅޭތަން ފެނެއެވެ. ބައެއް ދަރިވަރުން ވާހަކައިގައި ބެންޗުތަކުގައި މަޑުކޮށްލައެވެ. ބައެއް ދަރިވަރުން އެ ދަރިވަރުންގެ މަސައްކަތްތައް ފުރިހަމަކުރަމުން ދިޔައެވެ.

ހުސޭނުގެ ނަޒަރު ގޮސް ހުއްޓުނީ ގަސްދޮށުގެ ހިޔަލުގައި ހުރި ބެންޗެއްގައި ތިބި ތިން ދަރިވަރަކަށެވެ. މާގިނައިރުތަކެއް ނުވެ އެ ދަރިވަރުން ތިބި ބެންޗާ ދިމާއަށް ބުޅާ ދާތަން ހުސޭނަށް ފެނުނެވެ. ނަޖުމީގެ ވާހަކަތަކުގެ ހަގީގަތް ބަލަން ހުސޭނު ބޭނުންވިއެވެ.

ހުސޭނު ގޮސް މަޑުކޮށްލީ އެ ބެންޗާ ދާދި ގާތުގައި ހުރި ހުސް ބެންޗެއްގައެވެ. އެއަށް ފަހު ބުޅަލުގެ ބައޯ އަޑުން ދެތިން ފަހަރު ގޮވާލައި އަތުގެ އިޝާރާތުން ބުޅަލަށް ދަޢުވަތު ދިނެވެ. އެ ބުޅާ ހުސޭނާ ގާތްވެލިއެވެ. ހުސޭނު އެ ބުޅާ އަތަށް ނަގައިގެން ގެންގުޅުނު ގޮތުން ޖެހިގެން ހުރި ބެންޗުގައި ތިބި ތިން ދަރިވަރުންނަށް ހައިރާންކަން ލިބުނެވެ.

"ތިޔައީ ވަރަށް އޮޅު ބުޅަލެއްދޯ؟" ބެންޗުގައި އިން ދަރިވަރަކު ވާހަކަދެއްކީ ހުސޭނާއެވެ.

"މިއީ މިތަނުގައި އުޅޭ އެންމެ ދުވަސްވީ ބުޅާ. މި ސޮރު އަބަދުވެސް އޮންނާނީ މިތަނުގައި" ހުސޭނުގެ ޖުމުލަ ނުނިމެނީސް ބުޅަލުގެ އަޑުން އާއެކޭ ބުނާ ކަހަލަ ގޮތަކަށް އެސޮރު ގޮވާލިއެވެ. ބެންޗުގައި ތިބި ދަރިވަރުންނަށް ޖަހާލެވުނީ ހިނިގަނޑެކެވެ. ހުސޭނަށް ލިބުނީ ހައިރާންކަމެވެ.

"ތިއީ ވަރަށް ކިޔަވާހިތްވާ ބުޅަލެއް. އަހަރެމެން މިތަނުގައި ކިޔަވަން ތިބޭނަމަ މި ތަނަށް އަންނާނެ" އެހެން ދަރިވަރަކު ހުސޭނާ ވާހަކަދެއްކިއެވެ. އެ ވާހަކަތައް މެދުކަނޑާލާފައި ހުސޭނަށް ތެދުވަން ޖެހުނީ އެހެން ގުރޫޕެއް އެ ބެންޗަށް އައުމުންނެވެ.

(ނުނިމޭ)