ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަމުގެ ސިނާއަތު ކަމަށް ވާއިރު އެސިނާއަތު މާކެޓް ކުރުމަށްޓަކައި، މޯލްޑިވުސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރާ އެންމެ ބުރަ އަދި ބޮޑު މަސައްކަތަކީ، އައިޓީބީ ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތެވެ.

މިއަހަރުގެ އައިޓީބީ ފެއާ މާރިޗު 6ން 10ށް ޖަރުމަން ވިލާތުގެ ބާލިންގައި ކުރިޔަށް ދިޔައިރު، އެމްއެމްޕީއާރްސީގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތަށް ޝުކުރު ހައްޤެވެ. އައިޓީބީ ފެއާ އިންތިޒާމް ކުރާފަރާތުން މިފަހަރުގެ އައިޓީބީގައި ސްޓޭންޑްތަކުގެ ވަނަތަކެއް ނުހޮވައެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ސްޓޭންޑަކީ ރާއްޖޭގެ ސްޓޭންޑްކަން ފާހަގަކޮށް ސެޓްފިކެޓެއް ދިނެވެ.

އައިޓީބީ ފެއާއަށް ޒިޔާރަތް ކުރި ފަރާތްތަކުންވެސް ފާހަގަކުރި ގޮތުގައި މުޅި އައިޓީބީ ފެއާގައިވެސް ހުރި އެންމެ ތަފާތު ސްޓޭންޑަކީ ރާއްޖޭގެ ސްޓޭންޑެވެ.

"މިތަނަށް އައިމަ އިހްސާސްވީ ދުނިޔެމަތީގެ ސުވަރުގޭގެ ބައެއް ހެން" އަވައްޓެރި ސްރީލަންކާގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަދި މިހާރު ޖަރުމަނުގެ މަޝްހޫރު ކުލަބަކަށް ކުޅެމުން އަންނަ ވަސީމް ރަޒީޤު ބުންޏެވެ.