ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވާ އަދަދަށް ހަމަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދް އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ 4634 އޮފިޝަލުން މިހާރު ލިބިފައިވާ ކަމަށް،،، އަދި މި މަސް ނިމުމުގެ ކުރިން އޮފިޝަލުން ތަމްރީނުކޮށް ނިމޭނެ ކަމަށް އަކުރަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އޭގެ ކުރިން އިންތިހާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ނިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 389 ފަރާތަކުން ވާދަކުރޭ،، މިގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ނިލަންދޫ ދާއިރާ ފިޔަވައި ބާކީ 86 ދާއިރާއަށް ވާދަކުރޭ،،، ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ވާދަކުރާއިރު އަދާލަތު ޕާޓީން ވާދަކުރަނީ 9 ދާއިރާއަކަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން 54 ދާއިރާއަކަށް ވާދަކުރޭ އެެވެ. އެއީ ޕީޕީއެމުން 26 ދާއިރާއަށް އަދި ޕީއެންސީން 23 ދާއިރާ އަށެވެ.

މީގެއިތުރުން ޑީއާރްޕީން 5 ދާއިރާއަށް ވާދަކުރާއިރު އެމްޑީއޭއާއި އެމްޓީޑީން ވެސް ކޮންމެ ޕާޓީއަކުން 8 ދާއިރާއަކަށް ވާދަކުރާއިރު ލޭބާ ޕާޓީން ވަނީ 9 ދާއިރާއަށް ކެންޑިޑޭޓަކު ނެރެފަ އެވެ.

އަމިއްލަ ގޮތުން ވެސް ބައެއް ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރާއިރު، މީގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރާ 24 ކެންޑިޑޭޓުން ހިމެނެ އެވެ.

އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.