ހުޅުލެއާއި މާލެ ގުޅުވައިދޭ ބްރިޖްގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތަށް ބޭނުންވާ ކެމެރާތައް އަދި ލިބިފައި ނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ސިނަމާލް ބުރިޖުގައި ހަރުކުރުމަށް ބޭނުންވާ ކެމެރާ އަދި މިހާތަނަަށް ގަނެފައި ނުވާ ކަމަށެވެ.

ސިނަމާލެ ބުރިޖުގައި ސީސީޓީވީއާއި ސްޕީޑް ކެމެރާ ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ފުރަތަމަ 30 ދުވަހުގެ ވައުދެކެވެ. ނަމަވެސް މިމަސައްކަތަށް މާއެދެވޭ ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އިޒްމިއާ ވިދާޅުވީ މަސައްކަތް ނުނިމި ލަސްވަނީ މިމަސައްކަތައް ބޭނުންވާ ތަކެތި ގެނައުމަށް ބޭނުންވާ ފައިސާގެ ދަތިކަން ހުރުމުން ކަމަށެވެ. މިކަހަލަ މަސައްކަތްތަކަކީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެން ކުރާ މަސައްކަތްތަކެއް ކަމަށާއި ބްރިޖްގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާ ހަރުކުރުމަކީ ވަރަށް ބުރަ މަސައްކަތެއް ކަންވެސް އިޒްމިއާ ވަނީ ފާހަގަކުރައްވާފަ އެވެ.

ވީނިއުސްއިން މީގެކުރިން ގެނެސްދިން އެނގިދާނެތާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޕްރިޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އޭރު ވިދާޅުވީ މިމަޝްރޫއުގެ ސާވޭ ނިމި ބްރިޖް އަދި ބުރިޖާއި އިންވެގެންވާ މަގުތަކުގައި ހަރުކުރަން ބެނުންވާ ކެމެރާތަކުގެ މައުލޫމާތު ވެސް ބަލާފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެހުމުން އަމަލީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި މިސަރުކާރުގެ 30 ދުވަހުގެ ތެރޭގައި މި ވައުދާ ގުޅުންހުރި އިދާރީ މަސައްކަތްތައް ނިންމާލާފައިވާ ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފަ އެވެ.