މުޅި ރާއްޖެ ސިއްސުވާލި ބޮޑު ޚިޔާނާތް ހިނގައި ދިޔަ ކުންފުނި އެމްއެމްޕީއާރްސީގެ ނަން ބަދަލު ކުރުމާއި މެދު ވިސްނަމުން ގެންދާކަމުގައި އެކުންފުނިން ބުނެފިއެވެ.

ނިމިގެން ދިޔަ އައިޓީބީ ފެއާ އާއި ގުޅޭ ގޮތުން ވީމީޑިއާއަށް ދެއްވި ބަސްދީގަތުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގައިދިޔަ ބޮޑު ޚިޔާނާތުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާއި ބޭރު ދުނިޔޭގައިވެސް އެކުންފުނީގެ ތަޞައްވުރު ވަރަށް ބޮޑަށް ކިލަނބުވެފައި ވަނިކޮށް ސަރުކާރު ބަދަލުވެ ކުންފުނީގެ ހިންގުމާއި ހަވާލުވެ ވަޑައިގެންނެވި ތޮއްޔިބު މުހައްމަދު ވިދާޅުވީ ފާއިތުވި ތަނުގައި ހިނގައި ގޮސްފައިވާ ކަންތައްތަކުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގޮންޖެހުންތައްވެސް ހުރި ކަމަށެވެ. އެހެން ނަމަވެސް އެގޮންޖެހުންތަކަށް ބަލައިގެން ކުރިޔަށް ނުދެވޭނެ ކަމަށާއި މަސައްކަތްޕުޅު ކުރައްވަމުން ގެންދަަވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމަށް ކަމުގައި ތޮއްޔިބު ވިދާޅުވިއެވެ.

"މިކަހަ ބޮޑެތި ފެއާތަކުގައިވެސް ކޮންމެ ބޭރު މީހަކުވެސް އެވާހަކަ ދައްކާ. ކޮން އިރަކުހޭ ނަން ބަދަލު ކުރަނީ އަހާ... އަޅުގަނޑުމެން ނަން ބަދަލު ކުރަން އެބަ ވިސްނަމު. " ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މާޒީގައި ވެދިޔަކަމަށް ނުބައްލަވައި އެމްއެމްޕީއާރްސީގެ ޓީމާއި އެކު، މަސަައްކަތް ކުރައްވަމުން ގެންދަ ވަނީ، އިންޑަސްޓްރީގެ ބޭފުޅުންނާއި ގުޅިވަޑައިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ހަމައަށް ގޮސްފައި ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ބޯޑުގެ ނިންމުތަކާއި ލަފަޔާއި އެއްގޮތްވާ ގޮތެއްގެ މަތީން ކަމުގައިވެސް ތޮއްޔިބު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު މޯލްޑިވުސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އުފެއްދެވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި ޤާނޫނުތަކަށާއި އެކުންފުނީގެ މެންޑޭޓަށް ބަދަލު ގެނެސް އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ސަބަބުން އެމްއެމްޕީއާރްސީގެ ތަޞައްވަރު ވަނީ ވަރަށް ބޮޑަށް ކިލަނބުވެފައެވެ.