ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ކޮޅަށް ހެދި ހެޓްރިކާއެކު އެ ޓީމު ބަލިކޮށް އިޓަލީގެ ޔުވެންޓަސް މުބާރާތުގެ ކުއާާޓާ ފައިނަލަށް ގެންގޮސްދިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ލައޮނަލް މެސީ ތައުރީފުގެ ބަސްތައް އޮއްސާލައިފި އެވެ.

މެސީގެ ތައުރީފުގެ ބަސްތައް އޮއްސާލާފައިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލިއޯން ކޮޅަށް ފަސް ގޯލް ޖަހާ ބާސެލޯނާއިން ކުއާޓާ ފައިނަަލަށް ދަތުރުކުރި މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުންނެވެ.

މި މެޗުގައި މެސީ ދެ ގޯލު ޖެހިއިރު އިތުރު ދެ ގޯލު ޖެހުމަށް އޭނާ ވަނީ މަގުފަހިކޮށްދީފަ އެވެ.

މީޑިއާތަކާ ވާހަކަދައްކަމުން މެސީ ބުނީ އެތްލެޓިކޯ މެޑްރިޑަކީ ވަރުގަދަ ޓީމެއް ކަމަށާއި އުއްމީދުކޮށްގެން ހުރީ އެ ޓީމު ކުއާޓާ ފައިނަލަށް ދާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތާއި ހިލާފަށް ޔުވެންޓަސް އާއި ރޮނާލްޑޯގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި އެކުޅުން ފެނުމުން ހައިރާންވި ކަމަށެވެ. އަދި ރޮނާލްޑޯގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް މެސީ ވަނީ ތައުރީފްކޮށްފަ އެވެ.

މެސީއާ އެކު ބާސެލޯނާ ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މެސީ ބުނީ ކުއާޓާގައި ފަސޭހަ ޓީމަކާ ކުރިމަތިނުވާނެ ކަމަށާއި ހުރިހާ ޓީމަކީވެސް ވަރުގަދަ ޓީމުތަކެއް ކަމަށެވެ. އަދި ބާސެލޯނާ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި ތައްޓަށް ކުރާ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް މެސީ ބުންޏެވެ.

މެސީގެ ތައުރީފުގެ ބަސްތައް ރޮނާލްޑޯއަށް އަމާޒުކުރިއިރު މީގެކުރިންވެސް މި ދެ ކުޅުންތެރިން ވަނީ އެކަކު އަނެކަކަށް ތައުރީފްކޮށް ވާހަކަދައްކާފަ އެވެ.