ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސްދުވަހުގެ ޗުއްޓީ ދިނުމަށް ނިންމުމަށްފަހު އެމްޓީސީސީން އެކަން އިއުލާނުކޮށްފި އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ސަރުކާރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ވިހެއުމުން ކަނބަލުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށާއި ބައްޕައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެ ކުންފުނިން ފުރިހަމައަށް ތާއިދުކުރާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ނިންމުމާ އެއްގޮތަށް ޗުއްޓީއާ އެކު މުސާރައާއި ދިނުމަށް ނިންމާފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަން އިއުލާންކުރައްވާފަ އެވެ.

އަންހެނުން ވިހެއުމާ ގުޅިގެން ދޭ 6 މަސް ދުވަހުގެ ޗުއްޓީއާއި ފިރިހެނުންނަށް ދެވޭ އެއްމަސް ދުވަހުގެ ޗުއްޓީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ މިނިންމުމާ އެއްގޮތަށް ޗުއްޓީއާއި މުސާރަ ދިނުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި އެމްޕީއެލް، އެމްއޭސީއެލް، އެޗްއާރްސީއެމް އަދި ސްޓެލްކޯ ހިމެނެ އެވެ.