ށ. އަތޮޅު ފުނަދޫގައި އެމްޓީސީސީން ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިމި ޓެސްޓް ފްލައިޓް ޖެއްސޭ ވަރު ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރު ބަދަލުުވުމަށްފަހު އެމްޓީސީސީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޓްރޭޑިން އެންޑް އިންޖިނިއަރިން ޑިޕާޓްމަންޓުގެ އިސްވެރިޔާ އަހުމަދު ލަތީފް ވިދާޅުވީ އެ ކުންފުނިން މުހިއްމު ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެތެރޭގައި މިވަގުތު އެންމެ ބާރު ސްޕީޑެއްގައި ކުރިއަށްދާ އެއް ކަމަކީ އެއާޕޯޓުތަކުގެ މަސައްކަތް ކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާ ދެ އެއާޕޯޓު ކަމަށްވާ ށ. ފުނަދޫ އެއާޕޯޓާއި މާވުރުލު އެއާޕޯޓުގެ މަސައްކަތްތައް ފާހަގަކުރައްވަމުން އަހްމަދު ލަތީފް ވިދާޅުވީ ފުނަދޫ އެއާޕޯޓުގެ މަސައްކަތް ދެ ދުވަސް ތެރޭގައި ނިމި އެ އެއާޕޯޓުގައި ޓެސްޓު ފްލައިޓުތައް ޖެއްސުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފުނަދޫ އެއާޕޯޓް ހެދުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ.

އަހްމަދު ލަތީފް ވިދާޅުވީ ގދ. އަތޮޅުގައި ހަދަމުންދާ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމާ ހަމައަށް މަސައްކަތް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން މާވަރުލު އެއާޕޯޓް ވެސް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިމި ބޭނުން ކުރެވޭ ވަރުވާނެ ކަމަށް ވިދާޅުވި އެވެ.

މާވަރުލުގައި ހެދުމަށް ހަމަޖެހިފައިވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.