އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފިލިޕީންސްގައި ކޭމްޕުކުރަމުންދާ ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފިލިޕީންސް ޕްރިމިއާ ލީގުގައި ވާދަކުރާ މެންޑިއޯލާ އެފްސީ އަތުން މޮޅުވެއްޖެ އެވެ.

މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޓީމު މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ ނިމިދޔަ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސްގެ ކެޕްޓަން ބޭންޑް އެޅި ހަސަން ރާއިފް (ހަންނަ) އާއި ނަޒީމެވެ.

ސައުދީ އަރަބިއާގައި މިމަހު އޮންނަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މި އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ޓީމުން ވަނީ ފިލިޕީންސް ޕްރިމިއާ ލީގުގައި ވާދަކުރާ ސްޓެލިއޯންއާ އެއްވަރުކޮށްފައެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާ އާއި ދެކޮޅަށެވެ. އަދި 26 ވަނަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.