ޗެމްޕިއަންސް ލީގުގެ ސަސްޕެންޝަނެއް ޕީއެސްޖީގެ ތަރި ނޭމާއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނީ، ނޭމާއަށް ޗެމްޕިއަންސް ލީގުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވީ އޭނަގެ މައްސަލައެއް ޔުއެފާއިން ބަލަމުންދާތީ ކަމަށް ބުނެއެވެ.

ނޭމާއާ ބެހޭގޮތުން ޔޫއެފާއިން ބަލަމުން އަންނަ މައްސަލައަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް މުބާރާތުން ޕީއެސްޖީ ކެޓި މެޗަށް ފަހު އެ މެޗުގެ ރެފްރީންނަށް އަމާޒްކޮށް ހުތުރު ބަސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އޭނާ ފާޑުކިޔާފައިވާތީވެ ބަލަމުން އަންނަ މައްސަލައެކެވެ. އަދި އެ މައްސަލަ މިހާރު ޔުއެފާއިން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ޔޫއެފާއިން އެމައްސަލަ ބަލާ، ނޭމާ އެ އަދަބުދީފިނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތައް އޭނާއަށް ކުޅުމުގެ ފުރުސަތު ގެއްލޭނެ ކަމަށް ވެސް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑުން ޗެމްޕިއަންޝް ލީގެ ކުއާޓާއިން ޖާގައެއް ހޯދީ މިމުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ އަތުން ރަށުން ބޭރުގައި ކުޅުނު މެޗް 3-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ފުރަތަމަ ލެގުގައި ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބު ކުރީ ޕީއެސްޖީއިންނެވެ. އަދި ޔުނައިޓެޑަށް ކުރި ލިބުނީ ދެ ޓީމު އެގްރިގޭޓުން 3-3 އިން އެއްވަރުވެ، ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ލިިބުމުންނެވެ.

ޔުނައިޓެޑާއި ޕީއެސްޖި ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި، ޔުނައިޓެޑުން ޖެހި ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓިއަކުން ރެޝްފޯޑް ކާމިޔާބުކުރި ލަނޑެކެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުހުރި އުމުރުން 27 އަހަރުގެ ނޭމާ ވަނީ އެ މެޗަށް ފަހު ސޯޝަލް މީޑިއާގައި ރެފްރީންނަށް އަމާޒްކޮށް ލިޔެފައިވާ ލިޔުންތަކުގައި ބުނެފައި ވަނީ، އެމެޗުގައި ރެފްރީކަން ކުރީ ފުޓްބޯޅަ ނުދަންނަ ބައެއް ކަމަށެވެ. އަދި އެމެޗުގައި ތިބި ހަތަރު ރެފްރީން ވެސް އެމީހުންގެ ޒިންމާ އަސްލު ނެގިފައި ނުވާކަމަށް ވެސް ސޯޝަލް މީޑިއާގައި ނޭމާ ލިޔެފައިވާ ލިޔުންތަކުގައި ބުނެފައި ވެއެވެ.

ނޭމާގެ މައްސަލަ ޔޫއެފާއިން ބަލަން ފަށާފައިވާއިރު، އެމެޗުގައި ރެފްރީއިން ކަންކުރީ ރަނގަޅަށް ކަަމަށް ވެސް ޔުއެފާއިން މިހާރު ވަނީ ބުނެފައެވެ.