މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް ނޫސްވެރިކަމުގެ އެވޯޑް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްސީގެ ނާއިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ މައިގަނޑު ތިން ބަދަލެއް ގެނެސް ނޫސްވެރިކަމުގެ އެވޯޑް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފީޗާ އާއި ފޮޓޯ ގްރަފީ ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތި ލުމަށް ފަސް އުފެއްދުން ހުށަހަޅަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހެނީ 3 ޚަބަރާއި 2 ރިޕޯޓެވެ. މި ބަދަލު ގެނެސްފައިވަނީ މީޑިއާގެ އިސް ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް އާޒިފް ވިދާޅުވި އެވެ.

އާޒިފް ވިދާޅުވީ ކުރިން ފީޗާ ދާއިރާއަށް ވާދަކުރާ ބޭފުޅުންނަށް އެހެން އެއްވެސް ދާއިރާއަށް ވާދަނުކުރެވޭ ގޮތަށް އޮތް ނަމަވެސް މިހާރު މި ގެނެވުނު އިސްލާހާ އެކީ އެހެން ދާއިރާތަކަށް ވާދަކުރާ ބޭފުޅުންނަށް ވެސް ފީޗާ ދާއިރާއަށް ވާދަކުރެވޭ ގޮތަށް ވަނީ އުސޫލަށް އިސްލާހު ގެނެސްފައި ކަމަށެވެ.

ފީޗާ ދާއިރާއަށް ކުރިމަތިލާ ބޭފުޅުން ހުށަހަޅަން ޖެހެނީ ޖުމްލަ 3 އުފެއްދުމެވެ. އާޒިފް ވިދާޅުވީ ފީޗާ ދާއިރާއަށް ކުރިމަތިލާ ބޭފުޅުން އެބޭފުޅެއްގެ އެ އުފެއްދުން އުފެއްދުމުގައި ކުރި މަސައްކަތް ބަޔާންކޮށް އެ ނޫސްވެރިޔާގެ ސޮއި ކޮށްފައިވާ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އާޒިފް ވިދާޅުވީ، އިނާމަށް ހުށަހަޅާ ކޮންމެ އުފެއްދުމެއްވެސް އުފެއްދި ތާރީހު ބަޔާންކޮށް ނޫސްވެރިޔާ މަަސައްކަތް ކުރާ އިދާރާގެ އެޑިޓޯރިއަލްގެ އިސްވެރިއަކު ސޮއި ކޮށްފައިވާ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ އުފެއްދި ތާރީހު ދެނެގަތުމަށް އެކައުންސިލަށް ދަތިތަކާއި ކުރިމަތިވާތީ ކަމަށެވެ.

އާޒިފް ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާ ހުރިހާ ބޭފުޅުންނާވެސް ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއުކުރާނެ ކަމަށެވެ. އަދި މާކްސް ދިނުމުގައި އިންޓަވިއުގެ ކަންކަމަށް ވެސް ބަލާނެ ކަމަށް އާޒިފް ވިދާޅުވި އެވެ. މީގެ ކުރިން އިންޓަވިއު ކުރަނީ ހަމައެކަނި އުންމީދީ ނޫސްވެރިޔާއަށް ކުރިމަތިލާ ބޭފުޅުންނާ އެކަންޏެވެ.

އާޒިފް ވިދާޅުވީ، އެވޯޑަށް ކުރިމަތިލާ ބޭފުޅާގެ އައިޑީކާޑްގެ އިތުރުން ސީވީ ވެސް މިފަހަރު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މާކްސް ދިނުމުގެ ބައެއް އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައި ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކޮށްފަައިވާ މިންވަރަށް ބެލާނެ ކަމަށް އާޒިފް ވިދާޅުވި އެވެ. އަދި ހުށަހަޅާ ހުށަހެޅުންތައް ތައްޔާރު ކުރުމަށް އެނޫސްވެރިއަކު ކޮށްފައިވާ މަސައްކަތަށް ފަނޑިޔާރުން ބަލާނެ ކަމަށްވެސް އާޒިފް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ އެވޯޑް ހަފްލާ އިތުރަށް ފުރިހަމަ ކުރުމަށް ފަސް ބޭފުޅުން ހިމެނޭ އެޑްވައިޒަރީ ބޯޑެއް އިއްޔެ ކައުންސިލުން ފާސްކޮފައިވާ ކަމަށެވެ. މި ބޯޑުގައި ހިމެނޭ މެމްބަރުންނަކީ ޑރ ސަނީ އުމަރު، މިންހާ ފާއިޒް ރަޝީދު، މުހައްމަދު އާސިފް، އިސްމާއިލް ނަސީރު އަދި މުންޑޫ އާދަމް ހަލީމެވެ.

ނޫސްވެރިކަމުގެ އިނާމު މިފަހަރުވެސް ނުވަ ދާއިރާއިން ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ ދާއިރާތަކަކީ، އިޖްތިމައީ ދާއިރާ އާއި ސިޔާސީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އާއި ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް މި އަހަރު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

ނޫސްވެރިކަމުގެ އެވޯޑް އޮންނާނީ އަންނަ އޯގަސްޓްމަހުގެ ތެރޭގަ އެވެ.