ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނެފައިވަނީ އެކޮމިޝަން މިނިސްޓަރު އަހުމަދު މަހުލޫފް ފޮނުއްވި ސިޓީއަކާއި ގުޅިގެން އެ ކޮމިޝަނުން ދީފައިވާ ޖަވާބުގައެވެ.

ވީނިއުސްއަށް އެނގިފައިވާގޮތުގައި މިމަހުގެ 12ވަނަ ދުވަހު މިނިސްޓަރު މަހުލޫފް ވަނީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓްގައި މަހުލޫފްގެ ނަން ހިމަނާފައިވާތީ، އެ މައްސަލައާއި ގުޅިގެން އަދި އެނޫންވެސް މައްސަލައަކާއި ގުޅިގެން ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގުކުރޭތޯ އަދި އެފަދަ މައްސަލައަކާއި ގުޅިގެން ދައުވާއެއްކުރަންޖެހޭ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް އޭސީސީއަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީއާއި ގުޅިގެން ހަމަ އެދުވަހު އޭސީސީން ވަނީ މިނިސްޓަރު މަހުލޫފަށް ސިޓީގެ ޖަވާބު ދެއްވާފައެވެ. އެ ސިޓީގައި މިނިސްޓަރު މަހުލޫފަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އޭސީސީން ބަލާފައިނުވާކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ މައްސަލަ މިވަގުތު އެކޮމިޝަނުން ބަަލަމުންނުދާކަމަށްވެސް މިނިސްޓަރު މަހުލޫފަށް އޭސީސީން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަަމަށް އޭސީސީން ބުނެފައިވާއިރު، އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ރިޕޯޓުގައި މިނިސްޓަރު އަހުމަދު މަހްލޫފްގެ ނަން ހިމަނާފައިވާތީ މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކުރުމަށް މިނިސްޓަރު މަހުލޫފަށް ވަނީ އަންގާފައެވެ. ރައީސް ސޯލިހް އެ ނިންމުން ނިންމަވާފައިވަނީ ފެބްރުއަރީމަހުގެ 14ވަނަ ދުވަހުއެވެ.

މީގެ ކުރިން ވަރަށް ފާޅުގައި ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުއްލެވި މިނިސްޓަރު މަހުލޫފް ވަނީ އެމަނިކުފާނު ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ތުހުމަތެއްކުރެވޭނަމަ އެކަމެއް ތަހުގީގުކުރުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށްވެސް މިނިސްޓަރު މަހުލޫފް ގެންދެވީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަމުންދިޔަ ކޮރަޕްޝަނާއި ފަަސާދައާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލެއްވި ބޭފުޅަކީވެސް މިނިސްޓަރު މަހުލޫފެވެ. އެކަންކަމާއި ގުޅިގެން އެތައް ފަހަރަކު މަހުލޫފް ހައްޔަރުކޮށްފައިވާއިރު، އަހަރު ދުވަސްވަންދެން ޖަލުގައިވެސް ދުވަސްތައް ވަނީ ހޭދަކުރައްވަން ޖެހިވަޑައިގެންފައެވެ. ކޮރަޕްޝަނާއި ފަަސާދަ އަދި އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަވައިގެން މަހުލޫފް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި މަހުލޫފް ހިމެނިވަޑައިގެންނެވިއެވެ.