ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ބޭއްވި މުބާރާތްތަކަކީ ގާނޫނީ ހަމަތަކުގެ މަތިން ބޭއްވި އިޖުތިމާއީ ހަރަކާތްތަކެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި އަލްހާން ބޭއްވި ފުޓުބޯޅަ މުބާރާތަކާއި ރާޒުވާ މުބާރާތެއްގައި ބޮޑެތި ފައިސާގެ އިނާމު ދީފައިވާ މައްސަލައެއްގައި އަލްހާން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފައެވެ.

އޭސީސީން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށާއި ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އޭސީސީން އޭނާ މިއަދު ހާޒިރު ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއްގައި ކަމަށެވެ.

އަލްހާން ވިދާޅުވީ އޭނާ މުބާރާތްތައް ބޭއްވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށާއި، މުބާރާތްތަކުގައި މާލޭގެ އެކި އެކި ޓީމުތަކުން ވާދަކުރި ކަމަށެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އިނާމުތައް ލިބިފައި ވަނީ ވެސް ހެންވޭރު އުތުރު ދާއިރާއަށް ނިސްބަތްވާ ބަޔަކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކޮންމެހެން ވަކި ފަރާތަކަށް ފައިދާއެއް ހޯދުމުގެ ގޮތުން ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައި ދިނުމުގެ ގޮތުން ނުވަތަ އަޅުގަނޑުގެ ދާއިރާގެ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަކަށް ބޭއްވުނު ކަމަކަށް ނުވާއިރު، މިއީ އަޅުގަނޑު ވޯޓު ހޯދަން ވަކި ބަޔަކަށް ކަނޑައެޅި އިނާމެއް ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ އެއްވެސް އަސާސެއް ނެތް." އަލްހާން ވިދާޅުވި އެވެ.

އަލްހާން އިތުރަށް ވިދާޅުވީ އޭސީސީން މިއަށްވުރެ ސީރިއަސް ލެވެލްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ބަޔަކު ދައްކާހާ ވާހަކައަށް ބިނާކޮށް ތަހުގީގު ހިންގާ، ބޮޑެތި ތުހުމަތުތަކެއް ކުރުމަކީ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އަބުރު ގެއްލޭނެ ކަމެއްކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އޭނާގެ ޓީމުން ފޯރިގަދަ ކާމިޔާބު ކެމްޕޭނެއް ކުރަމުންދާއިރު، އެކަމަށް އުނދަގޫ ކުރުމަށްޓަކައި ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުން އޭނާއަށް ތާއީދު ކުރާ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން ކަންބޮޑުނުވުމަށް އަލްހާން އެދިވަޑައިގެންނެވިއެވެ.