ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "40 ޕްލަސް" މިމަހުގެ 5ވަނަ ދުވަހުން ފެށިގެން އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. މިރޭ އޮލިންޕަހުގައި 10ވަނަ ޝޯ ދެއްކުމަށް ތައްޔާރުވަމުންދާއިރު، ބެލުންތެރިން ވަނީ "40 ޕްލަސް" ފަސްތަރި ދީފައެވެ. ބެލުންތެރިންގެ ހިފެހެއްޓުމެއްނެތް ތައުރީފު "40 ޕްލަސް"އަށް އޮހެމުންދާއިރު، ފިލްމީ ކަންކަމަށް ލޯބިކުރާ އެންމެންހެން "40 ޕްލަސް"ގެ ޖާދޫގައި ވަނީ ޖެހިފައެވެ.

ރާއްޖޭގައި އުފެއްދި ފުރަަތަމަ ބިރުވެރި ކޮމެޑީގެ ގޮތުގައި "40 ޕްލަސް" ތާރީޚުން ޖާގަ ހޯދާފައިވާއިރު، މިއީ 2019ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުކަމާއިމެދު މިއަދު ދެބަސްވާނެ މީހަކުނެތެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކުރިން ޔަގީންކޮށްދިން ފަދަ މޮޅު ފިލްމެއްގެ ގޮތުގައި "40 ޕްލަސް" ވެގެން ގޮސްފައިވާކަމަށް ފިލްމް ބެލި ހުރިހާ އެންމެންވެސް ވަނީ ބުނެފައެވެ.

ފިލްމު އަދިވެސް އޮލިންޕަހުގައި ދައްކަމުުންދާއިރު، ފިލްމު ބަލާލަން ބެލުންތެރިން ކެތްމަދުވެފައިވާ މިންވަރު ހައުސްފުލްކޮށް ކޮންމެ ރެއަކު ދައްކަމުންދާ ޝޯތަކުން ޔަގީންވެއެވެ.

ބެލުންތެރިންގެ ނަޒުގައި މިއީ އަހަރުގެ ބޮޑު ފިލްމެވެ. މިހާތަނަށް އޮލިންޕަހުގައި ދައްކަމުންދާ އެންމެ ތަފާތު ފިލްމެވެ. "40 ޕްލަސް"ގެ ފުރަތަމަ މަންޒަރުން ފެށިގެން، ފިލްމުގެ އެންމެ ފަހު މަންޒަރާއި ހަމައަށްވެސް އޯޑިންސްއާއި އޮތީ ގުޅިފައެވެ. ބައެއް މަންޒަރުތަކަކީ ހީހީގޮސް ހަލާކުވާވަރުގެ މަންޒަރުތަކެކެވެ. އަނެއް ބައި މަންޒަރުތަކަކީ ބިރުގޮސް ފިއްކަނޑައިގެންދާފަދަ މަންޒަރުތަކެކެވެ. ފިލްމުގެ ސްކްރީންޕްލޭ ނުވަތަ ވާހަކައަކީވެސް ގިނަ ބަޔަކަށް ފިލްމު ކަމުދިޔުމުގެ އަސްލެވެ.