އެމްޓީސީސީގެ ދަރަނީގެ ޖުމްލަ ގާތްގަނޑަކަށް 746 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޝާހު ވިދާޅުވީ ކުންފުނީގެ ހިންގުމާއި ހަވާލުވުމަށްފަހު އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ވަރަށް ރަނގަޅަށް ބަލާފައިވާކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތު މިވަގުތު ވަނީ އެއް މިންގަނޑެއްގައި ހިފެހެއްޓިފައި ކަމަށް ޝާހު ވިދާޅުވިއެވެ.

ހަސަން ޝާހު ވިދާޅުވީ ވިޔަފާރިއެއް ކުރާ ބައެއް ނަމަ ކޮންމެސް ވަރަކަށް ދަރަނިތަކާއި ލޯނުތައް ހުންނާނެ ކަމަށާއި އެގޮތުން އެމްޓީސީސީގައިވެސް ދަރަނި އެބަހުރި ކަމަށެވެ. ދަރަނީގެ ގޮތުގައި މިވަގުތު ގާތްގަނޑަކަށް 746 މިލިއަން ރުފިޔާ އެބައޮތްކަމަށާ އެމްޓީސީސީ ފަދަ ބޯޑު ކުންފުންޏަކަށް ބަލާފައި އެއީ ބޮޑު އަދަދެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ޝާހު އިތުރަށް ވިދާޅުވީ ކުންފުނީގެ ދަރަނީގެ ގޮތުގައި އެވަރުގެ އަދަދެއް އޮތްނަމަވެސް އެކަމުގެ ސަބަބުން ކުންފުންޏަށް އެއްވެސް ގެއްލުމެއް މިހާތަނަށް ވެފައި ނެތް ކަމަށެވެ. އެހެންނަމަވެސް ދަރަނިތައް އަދާ ނުކުރެވި ގިނަ ދުވަސްތަކެއްވެ އަދި ދަރަނީގެ އަދަދު އިތުރުވަމުންދާނަމަ ކުރިޔަށް އޮތް ތަނުގައި ކުންފުނީގެ ކޭޝް ފްލޯއާއި ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ދިމާވެ ތާށިވުން އެކަށީގެންވާ ކަމަށެވެ.

ޝާހު ވިދާޅުވީ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފާއިސާހުރިނަމަވެސް އެމްޓީސީސީން އެފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާ ކުންފުންޏަށް ގެއްލުން ލިބޭ ހިސާބަށް ދިޔަ ނުދެއްވާނެކަމަށެވެ. އެހެންކަމުން ކުންފުނިން މިހާރުވެސް ދަނީ އެ ފައިސާ އަނބުރާ ދައްކަމުން ކަމަށާއި ކުރިޔަށް އޮތް 10 އަހަރު ތެރޭގައި ފައިސާ ދައްކާ ހަލާސްކޮށްލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަދި އެފައިސާ ދެއްކުމަށް ކުންފުނިން އެއްވެސް ފަރާތެއްގެ އެހީއަށް އެދިފައި ނުވާނެ ކަމަށާއި ކުންފުނީގެ ދަރަނި ކުންފުނީގެ ފައިސާއިން ދެއްކޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.