އެލްޖީއޭ ގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން ވިހެއުމުންދޭ ޗުއްޓީ 6 މަހަށް، އަދި ފިރިހެން މުވައްޒަފުންނަށްދޭ ޗުއްޓީ 1 މަހަށް އިތުރުކޮށްފި އެވެ.

ެލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެލްޖީއޭގައި ވަޒިފާ އަދާކުރާ އަންހެން މުއައްޒަފުންނަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ފިރިހެން މުވައްޒަފުގެ އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފަށްދޭ ޕެޓަރނިޓީ ލީވް އެއްމަސް ދުވަސް މުސާރައާއިއެކު ލިބޭގޮތައް ހަމަޖައްސާފައިވާ ކަމަށެވެ.

މިފަދައިން މުވައްޒަފުންނަށް ޗުއްޓީދޭން ނިންމަފައިމިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެކަން ހިމެނޭތީކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

އެލްޖީއޭގެ މުވައްޒަފުންނަށް މިމަހުގެ 12 އިން ފެށިގެން މެޓަރނިޓީ އަދި ފެޓަރނިޓީ ލީވް ދިނުމަށް ނިންމާފައިވާއިރު، ގިނަ މުއައްސަސާތަކާއި، ކުންފުނިތަކުން ދަނީ ވިހެއުމުން ލިބޭ ޗުއްޓީ ހަމަހަށް އިތުރު ކުރުމުންނެވެ. އެގޮތުން ސްޓެލްކޯ، އެމްޕީއެލް، އެޗްއާރުސީއެމްގެ އިތުރުން މޯލްޑިވްސް ގޭސް އަދި ޕީޖީ އޮފީހުންވެސް ވަނީ ވިހެއުމުން ލިބޭ ޗުއްޓީ އިތުރު ކޮށްފަ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒިފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖައްސާ އެކަން އިއުލާނުކޮށްފައިވަނީ އަންހެނުންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.