ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެޖޯރިޓީ ހޯދައި، މަޖިލީހުގެ ލަގަން އެއްކޮށް ހޯދައި، ބައެއް މީހުންގެ މަގްސަދަކީ ނިޒާމު ބަދަލުކުރުންކަމަށާ އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ސިއްކަ ޖެހުންކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޝައިޚް ޒައިދު ވިދާޅުވީ މަޖިލީހުގެ ލަގަން އެއްކޮށް ހޯދާ، ބައެއް މީހުންގެ މަގްސަދަކީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރުންކަމަށެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ސިއްކަ ޖެހުމަށްފަހު ތިމާ ވެރިކަމަށް އައުންކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިއީ ވަރަށް ހީލަތްތެރި ރޭވުމެއްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވަނީ މިކަން މިގޮތަށް ވިޔަ ނުދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ރައީސް ސޯލިހަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައިވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަތުގައި މިއަދުވެސް ބާރު އެބައޮތްކަމަށާ އެއީ ވޯޓުން ކަންކަން ނިންމުމުގެ ބާރުކަމަށް ޒައިދު ވިދާޅުވިއެވެ.