ސިފްކޯ ހިޔާ ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާާޛާ މާރިޔާ އަހްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް މިއަދު ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

ސިފްކޯ ހިޔާގެ 330 ފުލެޓް އިމާރާތުގެ އަމަލީ މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި ވަނިކޮށް، އެޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.

ޑިފެންސް މިނިސްޓަރު ކަމާއި އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހަވާލުވެ ވަޑައިގަތުމަށްފަހު "ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ، އެކަމަށް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން މިނިސްޓަރު ވަނީ އެމަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް ސިފްކޯ ހިޔާ ފުލެޓް ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.