ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތާރީޚުގައި އެންމެ ހަގު އުމުރުގައި ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާގެ މަގާމު ދީމާ ހޯދައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 58 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލްގައި ކުޅުނު އުމުރުން 11 އަހަރުގެ ދީމާ އާއި 15 އަހަރުގެ ރަފާ އަކީ މުބާރާތުގެ ސީނިއާ ބައިގައި ފައިނަލްގައި ކުޅުނު އެންމެ ހަގު ދެ ކުޅުންތެރިންނެވެ.

އަންހެން ބައިގެ ފައިނަލުގައި އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ފާތުމަތު ދީމާ އަލީ ހޯދީ ސަތޭކަ އިންސައްތަ ރެކޯޑަކާވެސް އެކުގައެވެ.

އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ހޯޕްސް މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ދީމާ ޗެމްޕިއަންކަން ހޯދާފައިވާއިރު ރާއްޖޭގައި ކުޅުނު ރޭންކިންގެ ތިން ބުރުގައި ވެސް އެއްވެސް މެޗަކުން ދީމާ ބަލިވެފައެއް ނުވެއެވެ. އަދި ގައުމީ މުބާރާތް އޭނާ ހޯދީ ވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެނެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ބައްދަލުކުރީ ރަފާ އާއި ދީމާއެވެ. ނަމަވެސް އެފަހަރު ތަށި އުފުލާލީ ރަފާއެވެ. މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ ޓީޓީގެ މުސްތަގްބަލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން މޫސާ މުންސިފް އަހުމަދެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު ޝައްފާން އިސްމާއީލް ބަލިކޮށްގެންނެވެ.

ފިރިހެން ޑަބަލްސް ބައިގައި ޗެމްޕިއަންކަން ހޯދާފައިވަނީ މޫސާ މުންސިފް އަހުމަދާއި އަލީ އާދަމް މަނިކުގެ ޕެއާއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމް އާއި ލައިސާ ފަހުތުﷲ ގެ ޕެއާއެވެ. މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ ރަފާ އާއި އާދަމް މަނިކުގެ ޕެއާއެވެ. މި ކުޅުންތެރިން ފައިނަލުގައި ބައްދަލުކޮށްފައިވަނީ މުންސިފާއި ލައިސާގެ ޕެއާ ބަލިކޮށްގެންނެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ އަންހެން ބައިގެ ޗެމްޕިއަންކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ހޮވިފައިވާއިރު ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ޓޫރިޒަމް ކުލަބެވެ.