ޕެރަމޯޓާގައި ރާއްޖެ ވަށައި އުދުހުމުގެ ދަތުރެއް ކޮށްފިއެވެ.

ޕެރަމޯޓާއަކީ ވައިކުޑައިގެ އެހީގައި ބުރަފައްޗެއް ބޭނުންކޮށްގެން އުދުހުމަށް ގެންގުޅޭ އުޅަނދެކެވެ. ޕެރަމޯޓާގެ ދަތުރުތައް މިމަަހުގެ ދެވަނަ ދުވަހު ހއ. ތުރާކުނުން ފެށިއިރު، އިއްޔެ ވަނީ ފ. އަތޮޅުން މި ދަތުރު ނިންމާލާފައެވެ. އައްޑޫއަށް ދަތުރު ނިންމާލަން ކުރިން ހަމަޖެހުނު ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފ. އަތޮޅުން ދަތުރު ވަނީ ނިންމާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި ވައިގެ ކުޅިވަރުތައް އިންތިޒާމުކުރާ ސްކައި ގައިސްއާ ގުޅިގެންނެވެ. މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްވެ އުޅުނީ އިނގިރޭސިވިލާތުގެ ޑޭވިޑް ހާޑިންގްހަމް އެވެ.

ބޭރުގެ ގިނަ އަދަދެއްގެ ޕައިލެޓުން ހަރަކާތްތެރިވި މި ދަތުރުގައި އެމީހުން ވަނީ 751 ކިލޯމީޓަރު ކަޑައްތުކޮށްފައެވެ.