ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް މާރޗް މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގަންނަވާއިރު، އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް، 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މިހާރު އެކުލަވާލެވިފައިވާ އަދި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުންތައް ހިމެނޭކަމަށްވެސް އެވުޒާރާއިން ބުނެއެވެ. އަދި ދެގައުމުގެ މެދުގައި ތަރައްގީގެ ރޮނގުގައި ގުޅިގެން މަސައްކަތްކުރުމާއި، ސިއްހީ ދާއިރާއާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންވެސް ދެ ސަރުކާރުގެ މެދުގައި މަޝްވަރާކުރެވޭނެކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ޚާރިޖީ ވަޒީރާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ބައްދަލުކުރައްވައި، ތަފާތު އެކި ދާއިރާތަކުން ދެގައުމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވެފައި ވަނިކޮށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ވަޒީރުން އެކި ފަހަރުމަތިން އިންޑިއާ އަށް ވަޑައިގެން އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ހޯދުމަށް ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެކުރިން ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިދުވަސްވަރު ވަރަށް ބޮޑަށް ބަދަހިވަމުން އައި ނަަމަވެސް ވަކި ހާއްސަ ގުޅުންތަކެއް އެއްވެސް ގައުމަކާ އެކު ރާއްޖެއިން ނުބާއްވާނެ ކަމަށެެވެ.