މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ގާޑިޔާތަކުގެ ތެރެއިން ގިނަ ގާޑިޔާތައް ހިންގަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ގާޑިޔާތަކާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީން ވިދާޅުވީ މާލޭގައި ވިޔަފާރީގެ އުސޫލުން ހިންގުމަށް ދޫކޮށްފައިވާ ގިނަ ގާޑިޔާތައް މިހާރު ހިންގަމުންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ސިޓީ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިޔަފާރިކުރުމަށް ގާޑިޔާތަކާއެކު ހަދާފައިވާ އެއްބަސްވުން ވެސް ގިނަ ގާޑިޔާތަކުގައި ހަމަވެފައިވާ ކަމަށެވެ.

"ވިޔަފާރި އުސޫލުން ގިނަ ގާޑިޔާތައް މިހާރު ހިންގަމުންދަނީ ގަވާއިދާ ހިލާފަށްކަން ފާހަގަކުރެވިފަ ވަނީ. ގާޑިޔާތައް ދޫކޮށްފައިވާ މީހުންގެ އަތުން ބޮޑު އަގުތަކެއްގައި ކުއްޔަށް ނަގައިގެން ބިދޭސީން ވިޔަފާރި ކުރަމުން އެބަދޭ. އަދި ފާހަގަ ކުރެވުނު ގިނަ ގާޑިޔާތަކަށް ހަދާފައިވާ އެގްރިމެންޓްތަކުގެ މުއްދަތު ހަމަވެފައިވާކަން" ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވީ ގަވާއިދާ އެއްގޮތަށް ހިންގާ ގާޑިޔާތައް މަދު ކަމަށެވެ. އެގޮތުން ވެސްޓްޕާކް ސަރަހައްދުގައި ގަވާއިދާ އެއްގޮތައް ހިންގަނީ އެންމެ ތިން ގާޑިޔާ ކަމަށާއި ދެންހުރި 10 ވަރަކަށް ގާޑިޔާ ހިންގަމުންދަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. ގާޑިޔާ ހުންނަ ތަން ހިޔާކޮށްގެން މުޅި ސަރަހައްދުގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި ކުރުމަކީ ވެސް ގަވާއިދާ ޚިލާފް އަމަލެއް ކަމަށް ފަޒީން ވިދާޅުވިއެވެ.

ގާޑިޔާތައް ގަވާއިދާ ޚިލާފަށް ހިންގުން ހުއްޓުވުމަށް ސިޓީ ކައުންސިލުން އެއްވެސް ފިޔަވަޅެއް މިހާތަނަށް ނާޅާ އޮތީ ކީއްވެތޯ ދެންނެވުމުން ފަޒީން ވިދާޅުވީ ސިޓީ ކައުންސިލަށް ޒިންމާތައް އަލުން ހަވާލުކުރިއިރު އެކި ދާއިރާތަކުން އިސްލާހުކުރަން ގިނަ ކަންކަން އެބަހުރި ކަމަށާއި އިސްކަން ދެނީ ރައްޔިތުންނާ އެކަމަކާ ގުޅުން ހުރި މިންވަރަށް ބަލާފައި ކަމަށެވެ. އަދި މާރުކޭޓަކީ އަތޮޅުތަކުގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ގުޅުންހުރި ކަމަކަށް ވުމުން ފުރަތަމަ މާރުކޭޓުތަކުގައި ހުރި ގަވާއިދާ ޚިލާފް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ގާޑިޔާތަކުގައި ގަވާއިދާ ޚިލާފަށް ހުރި ކަންކަން އިސްލާހު ކުރާނެ ކަމަށެވެ.

ރޯދައަށް މާރުކޭޓުތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ދަތުރުވެރިންގެ މާރުކޭޓު ވެސްޓް ޕާކު ހިމެނޭ ސަރަހައްދަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. ފަޒީން ވިދާޅުވީ މާރުކޭޓުތައް ފެންވަރު ރަގަޅުކުރުމަށްފަހު ގޮޅިތައް އަލުން ބިޑަށް ހުޅުވާލާނެ ކަމަށެވެ. އޭރުން ގަވާއިދާ ޚިލާފަށް ބިދޭސީން ގޮޅިތަކުގައި ތިބޭ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.