ދަނޑުވެރިކަމަށް މީހުން އަހުލުވެރިކުރުމަށް މިދާއިރާއިން ކުރިއަށް ދިއުމުގައި ޝައުގުވެރިކަން ހުރި މީހުންނަށް އެފުރުސަތު ހުޅުވާލައިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ބުނެފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމަގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީގެ ސީނިއަރ އެގްރިކަލްޗަރަލް އޮފިސަރު ގާސިތު މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައިވާ ގޮތުގެ މަތިން މި ދާއިރާއަށް ކުރިއަށްވުރެ ބޮޑަށް މީހުން އަހުލުވެރިކޮށް މި ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ެމިމަސައްކަތުގެ ތެރެއިން ވަރަށް ގިނަ ރަށްރަށުގެ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިދާއިރާއަށް ޝައުގުވެރިކަން ހުރި މީހުން ހޯދުމަށް އިއުލާން ކުރި ކަމަށް ގާސިތު ވިދާޅުވިއެވެ. އަދި މި ޖަމިއްޔަތަކާ ގުޅިގެން ފެބްރުއަރީ މަހުގެ ތެރޭގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ވެސް ގާސިތު ވިދާޅުވިއެވެ. ގާސިތު ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މިހާރުވެސް ރަށްރަށުގެ ޖަމިއްޔާތަކުން ވަރަށް ގިނައިން ސިޓީ ލިބެމުންދާ ކަމަށެވެ.

ގާސިތު ވިދާޅުވީ ފެބްރުއަރީ މަހު ފެށި މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދަނޑުވެރިކަމާއި ގަސްކާނާއާ ގުޅޭ ޕްރޮގްރާމްތައް ނޫން ކަމަށާއި އެކިއެކި ފަރާތްތަކާ ގުޅިގެން މިވިޔަފާރި ފުޅާކުރުމަށް ކުރެވޭނެ ކަންތައްތައްވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.