ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ އަދަދެއްގެ ލޯނު ނެގި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ފައްޔާޒް ވިދާޅުވީ އެޗުޑީސީގެ ދަރަންޏަކީ މީހަކަށް އިހްސާސް ވެސް ނުކުރެވޭ ވަރުގެ ބޮޑު ދަރަންޏެއް ކަމަށެވެ. އެގޮތުން އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އެޗުޑީސީ އޮތީ ދަރާފައި ކަމަށެވެ. ކުރީ ސަރުކާރުން އެޗުޑީސީ މެދުވެރިކޮށް ކޮށްފައިވާ ކަންކަން ބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ނަމުގައި ކުދިކުދި އިމާރާތްތައް ހަދައިގެން އެޗުޑީސީން ކުރިން ދެއްކީ ހުވަފެނެއް ކަމަށާއި އަދި މި ސަރުކާރުން އުފެއްދި "ފަހި ދިރިއުޅުން ކޯޕަރޭޝަން" ގެ ދަށުން ދޫކުރާ ފުލެޓުތަކަކީ ރައްޔިތުންނަށް އުނދަގޫކަމެއް ނެތި މިލްކުކުރެވޭ ފްލެޓުތަކަކަށް ހަދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޗުޑީސީން މަސައްކަތް ކުރީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދޭން ކަމަށް މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުން ގެންދެވީ ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ބިލްބޯޑާއި ތަކެތި ހުޅުމާލޭގައި ހަރުކުރީ އެޗުޑީސީގެ ޚަރަދުގައި ކަމަށް ތުހުމަތު ކުރެއެވެ. އަދި ކެމްޕެއިން މަސައްކަތްތައް އެޗުޑީސީގެ މުވައްޒަފުން ލައްވާ ކުރުވުމުގެ އިތުރަށް ކެމްޕެއިން ތެރޭގައި އެތައް ޚަރަދެއް ކުރި ކަމުގެ ތުހުމަތު އޭރު އެޗުޑީސީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވެއެވެ.