ކަސްޓަމްސްއަށް ދެއްކި ޑިއުޓީގެ މައްސަލައެއްގައި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަސްޓަމްސްއިން ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ ސީޖީޓީން ރާއްޖެ އެތެރެކުރި ސިނގިރެޓުތަކަކަށް ދެއްކުމަށް ކަސްޓަމްސްއިން ނިންމި އަދަދާމެދު ހިތްހަމަނުޖެހިގެން އެކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އެކުންފުނިން ހަ ކޮންޓެއިނަރ ސިނގިރެޓު އެތެރެކުރީ 1 މާޗު 2017 ގައި ނަމަވެސް، އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް ގެނައި އިސްލާހަށް އެއަހަރުގެ މާޗު މަހުގެ 2 ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ. މުދާ އެތެރެކުރިއިރު ކުރީގެ ރޭޓުން ޑިއުޓީ ދައްކާފައި ހުރި ކަމުގައި ވިޔަސް، މައްސަލަ ޖެހުނީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި މުދާ ބެހެއްޓުމަށްފަހު، މުދާ ނެރުނުއިރު ޑިއުޓީ ބޮޑުވެފައި އޮތުމުން އެގޮތަށް ޑިއުޓީ ދައްކަން ކަސްޓަމްސްއިން އެންގުމުންނެވެ.

ސީޖީޓީން މައްސަލަ ހުށަހެޅީ ޑިއުޓީ ދައްކަންޖެހޭނީ މުދާ އެތެރެކުރެވުނު ވަގުތު އަމަލުކުރަމުންދިޔަ ޑިއުޓީ ރޭޓުން ކަމަށް ބުނެ އޭގެ އިތުރަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އެދިއެވެ.

މި މައްސަލަ ސީޖީޓީއާ އެއްކޮޅަށް ސިވިލް ކޯޓުން ނިންމާފައިވާއިރު އެކުންފުންޏަށް 22,733,844.36 ރުފިޔާ (ބާވީސް މިލިއަން ހަތްލައްކަ ތިރީސްތިންހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ، ތިރީސްހަ ލާރި) ކަސްޓަމްސްއިން އަނބުރާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ. މިފައިސާ ދައްކައި ޚަލާސްކުރުމަށް ކަސްޓަމްސްއަށް ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެވެ.

ސީޖީޓީއަކީ އޭސީސީން ނެރުނު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ބޭފުޅުންގެ ތެރެއިން ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުންޏަށް 5.7 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެއެވެ. ނަމަވެސް އެސްއޯއެފާއެކު ސީޖީޓީން ކޮށްފައިވަނީ ސައްހަ މުއާމަލާތެއް ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.