މިއަަދު ނިއުޒިލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާގައި އެެއްވެސް ދިވެއްސަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ނިއުޒިލެންޑުގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާދީ 40 މީހަކު މަރާލާފައިވާއިރު، މި ހަަމަލާ ދީފައިވަނީ ހުކުރު ވަގުތުގައި ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. ހަމަލާ ދިންއިރު އެއް މިސްކިތުގައި ނަމާދުކުރަން 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށްވެސް ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި ރާއްޖޭގެ އެއްވެސް މީހަކު ހިމެނޭ ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށާއި އެހެންނަމަވެސް މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހަމާލާގެ ސަބަބުން ހިތާމަކުރާ ކަމަށާއި މި ހިތާމައިގައި ނިއުޒިލެންޑުގެ ރައްޔިތުންނާއެކު ރާއްޖެއިންވެސް ބައިވެރިވާ ކަމަށް މިިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެއެވެ.