އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މާލެއާއި ހުޅުމާލޭގައި 144 ވޯޓުފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 121 ވޯޓުފޮށި ބަހައްޓާނެ ކަމަށާއި ހުޅުމާލޭގައި 15 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އަދި ވިލިމާލޭގައި 8 ވޯޓުފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާ 144 ފޮއްޓަކީ މާލޭގެ ރައްޔިތުންނާއި ދަފުތަރާއި އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަ ފޮށިތަކެވެ.

މީގެ އިތުރަށް ސިނާއީ ސަރަހައްދުގައި 4 ވޯޓުފޮށި، ރިސޯޓުތަކުގައި 33 ވޯޓުފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓުފޮށި، އަތޮޅުތަކުގެ ރަށްތަކުގައި 357 ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ޖަލުތަކުގައި ފަސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 393 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓުފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1،000 މީހުން ކަމަށެވެ. އެހެންކަމުން ނިމިދިޔަ ރިޔާސީ އިންތިޚާބާ އަޅައިބަލާއިރު މަޖިލިސް އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ އަދަދު ބޮޑު ތަނުން ވަނީ އިތުރުވެފައި ކަމަށް ކޮމިޝަނުން ބުނެއެވެ.