ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 60 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.79ރ. އަށް ކަމަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 11.61ރ. އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސާފު ނުކުރާ ތެލުގެ އަގު މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތައަށް ބޮޑުވެފައިވާ ކަމަށެވެ.

އަދި ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު، އޯޕެކާއި ރަޝިއާއިން ވަނީ މިއަހަރު ތެލުގެ ސާރޕްލަސް ދަށްކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ހިފެހެއްޓުމަށް ނިންމާފައި ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފުކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮށެވެ.

އެހެންނަމަވެސް ބެންޗްމާކްތަކުގެ އަގަށް އަންނަ ބަދަލުތަކާ އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އާދެއެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު ވަނީ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފައެވެ.