ނިއު ޒިލެންޑްގެ ކްރައިސްޗާޗްގެ ދެ މިސްކިތަކަށް މިއަދުގެ ހުކުރު ވަގުތުގައި ދިން ބަޑީގެ ހަމަލާގައި 49 މީހަކު މަރުވެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ސީބީއެސްއެން އިން ހާމަކޮށްފައިވާ ގޮތުގައި މި ދެމިސްކިތަށް ބަޑީގެ ހަމަލާ ދީފައިވާއިރު މި ދެމިސްކިތުގައި އެވަގުތު ނަމާދުކުރަން ތިބީ 500 އެއްހާ މީހުންނެވެ. މި މިސްކިތްތަކަށް ދިން ހަމަލާގައި 49 މީހަކު މަރުވެ 20 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޭބޭރުގެ އެހެން ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުަރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ އަލް ނޫރު މިސްކިތަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ ލިންވޫދް މިސްކިތަށެވެ. މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ 3 ފިރިހެނަކާއި އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސީބީއެސްއެން އިން ރިޕޯޓުކޮށްފައިވަނީ ހަމަލާ އަމާޒުވި މީހުން ވަގުތުން ކްރައިސްޗާޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަަމަށެވެ. އަދި މި ހޮސްޕިޓަލަށް ވަދެނިކުމެވޭ ދޮރުތައް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ހުއްޓުވައި ބަލައި ފާސްކުރަމުން ކަމަށްވެސް ބުނެފައި ވެއެވެ.