އެމްޓީސީސީން ކުރިޔަށްގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއްގެ މަސައްކަތް މިވަގުތު ހުއްޓިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ޕްރޮޖެކްޓު މެނޭޖްމަންޓު އަހުމަދު ލަތީފް ވިދާޅުވީ، ކުންފުނިން މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ޖުމްލަ 20 ޕްރޮޖެކްޓެއްގައި ކަމަށެވެ. އޭގެ ތެރޭގައި ނަރުދަމާގެ މަސައްކަތްތަކާއި ބަނދަރު މަރާމާތު ކުރުމާއި އެއާޕޯޓުތަކެއްގެ އިތުރަށް މަގުހެދުމުގެ މަޝްރުއޫ ތަކެއްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކުންފުނިން 20 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާއިރު މިހާރު 8 ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އެއީ ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށާއި އެކަން އެގޮތަށް ދިމާވާން މެދުވެރިވަނީ ޕްރޮޖެކްޓުތަކުގައި ރަނގަޅު ރޭވުންތެރިކަމެއް ނެތުމުންކަމަށް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެމްޓީސީސީއަކީ އެހެން ކުންފުނިތަކުން ނުވަތަ ސަރުކަރުގެ އިދާރާތަކުން މަޝްރޫއެއްގެ ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭނާއި އެއްގޮތަށް އެކަން ކުރިޔަށްގެންދާ ކުންފުންޏެއް ކަމަށެވެ.

އެހެންނަމަވެސް އެމްޓީސީސީއާ މަސައްކަތްތައް ހަވާލުކުރަނީ އެންމެ ރަނގަޅަށް ރާވާފައި ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ ރަށްރަށުގައި މަސައްކަތްތައް ކުރިޔަށް ގެންދާއިރު ރަށުގެ ރައްޔިތުން އެދޭގޮތާއި ކައުންސިލުގެ އެދުން އަދި ރޭވި ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓުގައި އޮންނަ ގޮތް މުޅިން ތަފާތު ކަމަށެވެ. މަޝްރޫތައް ކުރިޔަށް ނުގެންދެވި ހުއްޓިފައިވަނީ އެ ސަބަބާއި ހެދި ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިހާރު އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އޮތީ އައްޑޫ ސިޓީގެ ނަރުދަމާގެ މަޝްރޫ ކަމަށެވެ. އެ މަޝްރޫގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ އެ ކުންފުނިން މިހާރުވެސް ގިނަ މަޝްރޫތަކެއްގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަށް މިއަހަރު ބިޑްކުރާނެ ކަމަށެވެ. އޭގެތެރެއިން ބޮޑެތި ޕްރޮޖެކްޓުތަކެއް އެމްޓީސީސީއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަސައްކަތަށް ބޭނުންވާ ސާމާނުވެސް މިހާރު ގަނެއްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.