އިސްލާމްދީނަށް ފުރައްސާކުރާ ސިޔާސީ ލީޑަރުން މިގައުމުގައި އެބަތިބިކަމަށާ އެފަދަ ލީޑަރުންނަށް ތާއީދު ނުކުރެއްވުމަށް އެމްޑީީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމް މިކަމަށް ގޮވާލެއްވީ ހުޅުދެލީގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް އެރަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ ދިވެހިންގެ ދީނަކީ އިސްލާމްދީންކަމަށާ ދިވެހިންގެ އަމާޒަކަށްވާންވާނީ ދާއިމަށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ހިދާޔަތުގައި ދެމެހެއްޓުމަށްކަމަށެވެ. އަދި ދިވެހިން ތިބެންވާނީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައިކަމަށާ ދިވެހި ގައުމުން އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަށް ފުރުސަތެއް ނެތްކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާކުރާ ސިޔާސީ ލީޑަރުން މިގައުމުގައި އެބަތިބިކަމަށާ އެފަދަ ލީޑަރުންނަށް ތާއީދު ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެފަދަ ލީޑަރުންގެ ފަހަތުން ހިނގައި، ތާއީދުކުރާނަމަ ގެއްލުން ވެދާނެކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނަށް އެއްވެސް ގޮތަކުން ފުރައްސާރަކުރެވިގެންނުވާނެކަމަށާ މާތްﷲއާއި ރަސޫލާއަށް ފުރައްސާކުރާ މީހުންނަކީ ދިވެހިންގެ އަދުއްވުންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މީދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ އަހުމަދު ސިޔާމް މުހައްމަދު ވަނީ 19ވަނަ މަޖިލީހުގައިވެސް އެ ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. ސިޔާމް ލީޑަރުކަން ކުރައްވަމުން ގެންދަވާ އެމްޑީއޭއަށް ބޮޑު ތާއީދެއް އޮންނަ މީދޫ ދާއިރާގެ ގޮޑި އައު ދައުރަކަށް ހޯއްދެވުމަށް ސިޔާމް ގެންދަވަނީ ކެންޕެއިން ކުރައްވަމުންނެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެމްޑީއޭއިން 8 ދާއިރާއަކަށް ވާދަކުރެއެވެ.