ނިއުޒިލެންޑްގައި މިއަދު މުސްލިމުން ނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި އެވެ.

ނިއުޒިލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާއާއި ގުޅިގެން ދިވެހިސަރުކާރުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޓެރެރިސްޓް ހަމަލާގެ ސަބަބުން ކުށެއްނެތް އެތައްބަޔެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަހަމްވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެވަޑައިގެން ނިއުޒިލޭންޑް ސަރުކާރަށާއި، އެޤައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރަށް މި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ. ރައީސް ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ އެއީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.