ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "40 ޕްލަސް"ގެ 10 ޝޯ ހައުސްފުލްކޮށް ދައްކައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ "40 ޕްލަސް"އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ރެއާއި ހަމައަށް ފިލްމުގެ 10 ޝޯ ހައުސްފުލްކޮށް ދައްކާފައިވާކަމަށެވެ.

ޝަފީގު ބުނީ 11ވަނަ ޝޯވެސް ހައުސްފުލްވެފައިވާކަމަށާ މިމަހުގެ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ފިލްމު އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި "40 ޕްލަސް" ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރަށްރަށުން އެދެމުންދާކަމަށެވެ. މިހާރުވެސް އަތޮޅުގެތެރޭގެ ބައެއް ރަށްރަށުގައި "40 ޕްލަސް" ދެއްކުމަށް ތާރީޚުތައް ކަނޑައަޅާ ފިލްމުގެ ޓިކެޓް ވިއްކަމުންދާކަމަށް ޝަފީގު ވަނީ ބުނެފައެވެ.

ޝަފީގު ބުނީ ރަށްރަށުން އެދޭހާ އަވަސްމިނުގައި ފިލްމު ނޭޅުވުނުނަމަވެސް، އަމާޒަކީ އާންމުން އެދޭ ހުރިހާ ރަށެއްގައި ފިލްމު ދައްކައިދިނުންކަމަށެވެ.