ނިއުޒީލެންޑްގެ ދެ މިސްކިތަކަށް މިއަދު ދެވުނު ބަޑީގެ ހަމަލާތައް ދުނިޔޭގެ ސިޔާސީ ލީޑަރުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން އެބަ ގެންދަވައެވެ.

ނިއުޒީލެންޑްގެ ރަށެއް ކަމަށްވާ ކްރައިސްޗާޗްގައި ހުންނަ ދެ މިސްކިތަކަށް މިއަދު ޓެރަރިސްޓް ހަމަލާތައް ދެވުނީ، މުސްލިމުން މިއަދުގެ ހުކުރު ނަމާދަށް ތިއްބައެވެ.

މި ހަމަލާގައި 49 މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު، ހަމަލާގައި ލިބުނު ސީރިއަސް ޒަޚަމްތަކަށް އިތުރު ވިހި މީހަކު ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އާރދެއިން ވިދާޅުވީ، މިއީ ދުރާލާ ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. މިސްކިތްތަކަށް ޓެރަރިސްޓް ހަމަލާތައް ދިން މީހުން އެކަންކުރަމުންދިޔައީ ފޭސްބުކްގައި ލައިވް ކުރަމުންނެވެ.

ީވީޑިއޯއިން ފެންނަ ގޮތުގައި ޓެރަރިސްޓުން މިސްކިތުގެ ބޭރުން ފެށިގެން ބަޑިޖަހައި ނަމާދަށްތިބި މުސްލިމުން މަރަމުން ގެންދިޔައީ އެއްވެސް ގޮތެއްފޮތެއް ނުބަލައެވެ. އަދި ސަލާމަތަށް އެދިގެން މިސްކިތުގެ ބައެއް މާލަންތަކުގައި ކަނެއްގައި ތިބި މީހުންގެ ގަޔަށްވެސް ބަޑިޖަހައި މަރާލާފައި ވެއެވެ.

މިހަމަލާއާ ގުޅިގެން ނިއުޒީލެންޑްގެ ފުލުހުންވަނީ ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރު ކޮށްފައެވެ.

މި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މިއީ އިސްލާމްދީނާ ދެކޮޅަށް ފަތުރަމުންދާ ނަފްރަތު ފުޅާވަމުންދާކަން ހާމަވާ ކަމެއް ކަމަށާއި، މިކަން ހުއްޓުވަން ދުނިޔެއިން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ، އިސްލާމްދީނާމެދު ފަތުރަމުންދާ ނަފްރަތަށް ދުނިޔެ އަޅާނުލައި އޮތުމުގެ އިތުރުން، އެފަދަ ކަންކަމަށް ބައެއް ފަހަރު ހިތްވަރުވެސް ދޭ ކަމަށެވެ. އެ ނަފްރަތު ފުޅާވެ މިހާރު ޖަމައީގޮތެއްގައި މުސްލިމުން މަރަން ފަށާފައިވާ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މިއަދުގެ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. ވިދާޅުވެފައިވަނީ މިއީ ބިރުވެރި ގަތުލުއާންމެއް ކަމަށާއި، އެކަމާ ގުޅިގެން "ހޫނު ތައުޒިޔާ އަދި ހެޔޮއެދުންތައް" ނިއުޒީލެންޑްގެ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

"ކުށެއްނެތް 49 މީހަކު އެއްވެސް ހައްގަކާ ނުލައި މަރާލީ. އިތުރު އެތައްބަޔަކު ޒަޚަމްވެފައިވޭ. މިކަމުގައި އެމެރިކާ އޮތީ ނިއުޒީލެންޑާއެކު" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ފެޑެރިކާ މޮގެރީނީވެސް ވަނީ މިސްކިތްތަކަށް ދެވުނު ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. މޮގެރީނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަޅުކަންކުރާ ތަންތަނަށް ދެވޭ ހަމަލާތަކަކީ އެންމެނަށް ދެވޭ ހަމަލާތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށްވާ ޓެރަރިޒަމާއި، ނަފުރަތާއި، ހަރުކަށީ ވިސްނުންތައް ނެތިކޮށްލުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައު އެކަތިގަނޑަކަށްވުމަށް އިތުރު ބާރެއް ލިބިގެންދާ ކަމަށެވެ.

ދުނިޔޭގެ އެންމެ މުސްލިމުން ބައިބޯ އިންޑޮނޭޝިޔާއިންވަނީ މިއަދުގެ ހަމަލާ ވަރަށް ބޯޑަށް ކުށްވެރި ކޮށްފައެވެ.

އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސުދީ ނެރުއްވި ބަޔާނެއްގައި، މިހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.

މެލޭޝިޔާގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެބޮޑު ޕާޓީގެ ލީޑަރ އަންވަރު އިބްރާހިމް މި ހަމަލާ ސިފަކުރެއްވީ، ދުނިޔޭގެ ސުލްހައަށާއި، އިންސާނިއްޔަތަށް ކުރިމަތިވި ކަޅުދުވަހެއްގެ ގޮތުގައެވެ.

"މި ނާތަހުޒީބު އަމަލުގެ ސަބަބުން އަޅުގަނޑަށް ވަރަށް ހިތާމައެއް ލިބުނު. މިއީ އިންސާނީ ކަރާމާތާ ޚިލާފް އަމަލެއް" އަންވަރު އިބްރާހިމް ވިދާޅުވެފައި ވެއެވެ.