ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވާ ބައެއް ކެންޑިޑޭޓުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރި ކުރުމާމެދު އޭސީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާކުރުމަށް ޤާނޫނީ ވަކީލު އަލްއުސްތާޛު މުހައްމަދު ނިޝާން ލަފާދެއްވައިފިއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކެންޑިޑޭޓުންގެ ކެމްޕޭންގެ އިންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ މިހާލަތުގައި ސާބިތު ނުހިފޭ ކަންކަމުގައި ކެންޑިޑޭޓުން އެގޮތަށް ގެންގޮސް ސުވާލުކުރުމުން ކެންޑިޑޭޓުންގެ ހައްގުތަކެއް ގެއްލިގެންދާކަމަށެވެ. އެހެންކަމުން މިވަގުތު އެކަމާމެދު ގާނޫނީ ގޮތުން ވިދާޅުވާން ބޭނުންފުޅުވަނީ އޭސީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާކުރުންކަމަށް ނިޝާން ވިދާޅުވިއެވެ.

ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކުރާ ކުރުމަކީ ޤާނޫނީ ގޮތުން ބޭރުން ކުރާކަމެއްކަމަށް ނިޝާން ވިދާޅުވިއެވެ. ކެންޑިޑޭޓުންނަށް ކުރެވޭނެ ކަންތައްތައް ޤާނޫނުގައި ބަޔާން ވެގެންވާއިރު އެއުސޫލުން ބޭރުން އޭސީސީއަށް ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ނިޝާން ވިދާޅުވިއެވެ. މިހާލަތުގައި އެއީ އޭސީސީކަމަށްވިޔަސް، ފުލުހުންކަމަށްވިޔަސް އަދި އިލެކްޝަންސް ކޮމިޝަންވިޔަސް މައްސަލައެއް ބަލާނަމަ އެކަން ކުރަންވާނީ އެއީ ކުރިޔަށް ގެންދެވޭނެ މައްސަލައެއްތޯ އެތަނެއްގެ އެތެރޭގައި ބެލުމަށްފަހުކަމަށް ނިޝާން ވިދާޅުވިއެވެ.

"ހާޒިރުކުރާ ކުރުންވެގެން މިދަނީ އަނެއް ބަޔެއްގެ ހިތުގައި ކެންޑިޑޭޓާމެދުގައި ރައްޔިތުންގެ ހިތުގައި ސުވާލުއުފެދޭނެ ކަންތައްތަކެއް އެކެންޑިޑޭޓަކު އެކަމެއް ކުރިޔަސް ނުކިރަސް. އެހެންވީމާ އިލެކްޝަންސް ކޮމިޝަންވިޔަސް އެންޓިކޮރަޕްޝަން ކޮމިޝަން ވިޔަސް ފުލުހުންގެ ވިޔަސްހެޔޮ މިހާލަތުގައި އޮންދަ ސްޕޮޓްގައި އޮންދަ ސީން ނޫންގޮތަކަށް ކެންޑިޑޭޓަކާމެދުގައި އެފަދަ ފިޔަވަޅެއް އެޅުމަކީ ޤާނޫނީ ގޮތުން ހުއްދަކުރާކަމެއް ނޫން. އެހެންވީމާ އޭސީސީއަށް މިބާވަތުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެބޭފުޅުން ޖޫރީގެ ގޮތުގައި (ޖޫރީ އުސޫލުގެ ގޮތުގައި) އެބޭފުޅުން އެތެރެއިން ބަލަންވާނެ މިމައްސަލަޔަކީ މިއީ ބެލޭ ބާވަތުގެ މައްސަލައެއްތޯ ނޫންތޯ." ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ރާއްޖޭގެ ޝަރުޢީ އުސޫލުގައިވެސް ގެންގުޅޭ ހަމައަކީ އިދާރީގޮތުން އެއީ ޖިނާޢީ ކަމެއްވިޔަސް، މަދަނީ ކަމެއްވިޔަސް އެކަމަކީ ކުރިޔަށްގެންދެވޭނެ ކަމެއްތޯ ބެލުންކަމަށެވެ. މީގެއިތުރުން ނިޝާން ވަނީ ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތެއް ހިނގައިގެންގޮސްފައި އަދި ހިނގަމުންދާއިރު ކެންޑިޑޭޓުންގެ ފަހަތުން އޭސީސީން އުޅެމުންދާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ޤާނޫނެއް އޮންނައިރު އެއޮންނަ އުސޫލުގެ ބޭރުން އޭސީސީއަށް މިގޮތަށް ކެންޑިޑޭޓުން ހާޒިރުކުރެވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ އޭސީސީން ކުރަންވީ ކަންކަން އޭސީސީގެ ޤާނޫނުގައި ބަޔާންވެގެންވާކަމަށާއި އެކަންކަން ނުކޮށް މިހުރިހާ ދުވަހު ތިބެފައި މިހާރު ކެންޑިޑޭޓުން ހާޒިރުކޮށް މިގޮތަށް ސުވާލުނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ. ނިޝާން މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެއީ ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމްތައް ދީފައިވާކަމަށް ބުނާ މައްސަލައެއް ބެލުމަށްކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ނިޝާން ވިދާޅުވީ ޤާނޫނީ އުސޫލުން ބޭރުން މިފަދަ ކަންކަން ކުރާނަމަ ޕްރޮސެކިޔުޓަރ ޖެނެރަލަށް އެކަން ހުއްޓުވުމުގެ ބާރު އޮންނާނެކަމަށެވެ. އަދި މަދަނީ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެފަދަ ކަންކަން ކުރާ ފަރާތްތަކާދެކޮޅަށް ދައުވާކުރެވޭނެކަމަށް ނިޝާން ވިދާޅުވިއެވެ.