ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކަށައަޅުއްވާފައިވާ ވިލިމާލޭގެ ތަސައްވުރު އިފްތިތާހް ކޮށްފިއެވެ.

ތަސައްވުރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ މާލެއާއި ހުޅުމާލެއަށް އަންނަ ތަރައްގީތައް ވިލިމާލެއަށް ވެސް ހައްގު ކަމަށެވެ. އެ ގޮތުން ވިލިމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޖަމީލުގެ ވިލިމާލޭގެ ތަސައްވުރުގައި ވާގޮތުން، އެ ރަށުގައި ޓޫރިސްޓު ސްޓްރީޓެއް ގާއިމުކޮށް، އެ ސަރަހައްދުން ފަތުރުވެރިންނަށް ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސާނެއެވެ. އޭގެ އިތުރުން ވިލިމާލޭގައި ކަލްޗުރަލް ވިލެޖެއް ގާއިމުކޮށް، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމަށް ތަސައްވުރުގައި ހިމަނުއްވާފައި ވެއެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތަށް އަދި މުނިފޫހިފުލިވުމުގެ ގިނަ ހަރަކާތްތައް ހިންގޭނެ ގޮތަށް ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމަށް ވެސް ޖަމީލުގެ ތަސައްވުރުގައި ވެއެވެ.

ޑރ ޖަމީލު ވިދާޅުވީ، އޭނާގެ ތަސައްވުރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމަނުއްވާފައިވާނީ ވިލިމާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެ ރަށަށް ހާއްސަ ފަންޑެއް، ސަރުކާރާ ގުޅިގެން ގާއިމު ކުރުމެވެ. އެ ފަންޑު މެދުވެރިކޮށް ގެދޮރު ނޭޅިތިބި މީހުންނަށް، ގެދޮރު އެޅުމަށްޓަކައި ކުޑަ އިންޓަރެސްޓް ރޭޓެއްގައި 30 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އޭގެ އިތުރުން ހުޅުމާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް ޒަމާނީ ފެންވަރުގެ ފްލެޓްތައް އެޅުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ވިލިމާލޭގައި އޮތް ހުސް ބިންތަކުގައި ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލާއި ޖިމާއި ކެފޭއާ އެކީގައި ފްލެޓް އެޅުމަށް ހުށަހަޅުއްވާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ވިލިމާލޭގެ ބިލްޑިން ކޯޑް އަލުން މުރާޖައާކޮށް، ބަދަލު ކުރުމަށް ވެސް ހުށަހަޅުއްވާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"(ވިލިމާލޭ) އާއިލާތައް މި ތިބީ މިހާރު ކުދިކުދި ތަންތަނަށް ވަދެ އެ ތަންތަނުގައި ހިސާރުވެ ގޭބަންދުވެފައި. ގެއިން ނުކުންނާނެ ގޮތެއް ނެތް. ހަމަ ހަގީގަތުގައި މިރަށުގައި އާއިލާތައް ދިރިއުޅެނީ ގޭބަންދުގައި. އެކަމުގެ ހައްލު އަންނާނީ އެ އާއިލާތަކަށް ލިބިފައިވާ ބިންކޮޅު ތަރައްގީ ކުރެވިގެން. ސަރުކާރަށް މަންފާއާއި ލާބަހުރި ގޮތަކީވެސް އެއީ. އަޅުގަނޑުގެ ހުށަހެޅުމަކީ ވިލިމާލޭގެ ބިލްޑިން ކޯޑް އަލުން 10 ނުވަތަ 12 އަށް އުފުއްލައި ދިނުން." ޖަމީލު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ވިލިމާލެވެސް ތަރައްގީކުރަން ވާނީ ޖަޒީރާވަންތަ ރަށެއްގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ ވިލިމާލެ ވަށައި ހިނގާލެވޭ ގޮތަށް މަގެއް އޮންނަންވެސް ޖެހޭ ކަމަށެވެ. ވިލިމާލޭގެ ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތްވެސް އިސްލާހު ކުރަންޖެހޭކަން ޖަމީލު ފާހަގަ ކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ އަދި ހާމަކުރެއްވީ އޭނާގެ ތަސައްވުރުގެ އަސާސީ މިންވަރެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އޭނާގެ ތަސައްވުރު ހާމަކުރެވި ނިމޭއިރު ވިލިމާލޭގެ މުޅި މަންޒަރު ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.