2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކާއި ދުރަށްވަޑައިގެންނެވެން ނެތްކަމަށާ އެ ވައުދުތައް ފުއްދުމުގައި ސަރުކާރާއިއެކު އޮތް މަޖިލީހެއް ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ފާދިއްޕޮޅުގެ ގޮނޑިތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ރައީސް ސޯލިހްގެ އުފަން ރަށްކަމަށްވާ ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން އެންމެ ހިނދުކޮޅަށްވެސް ހަނދުމަފުޅުނެތިގެން ނުދާކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ލީޑަރުންނާއި، ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަތިންވެސް ހަނދުމަފުޅުނެތިގެން ނުދާކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ލިބުނީ އެންމެން ގުޅިގެން ކުރި މަސައްކަތުންކަމަށެވެ. އަދި އެބޭފުޅުންގެ މަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާހަށް މަސައްކަތްކުރެއްވި ލީޑަރުންނާއި، ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް ދެރައެއް ނުދެއްވާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އިއްތިހާދުންވެފައިވާ ވައުދުތަކަކީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ވިސްނުންފުޅާއެކު، އެ ޕާޓީތަކުގެ ލީޑަރުންގެ ތާއީދާއެކު ވެވަޑައިގެންފައިވާ ވައުދުތަކެއްކަމަށާ އެހެންކަމުން އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ވައުދުތައް ފުއްދުމުގައި ސަރުކާރާއިއެކު އޮތް މަޖިލީހެއް ވަރަށް މުހިންމުކަމަށެވެ.

"ވައުދުތަކުގައި އެއް އަޑަކުން އޭރު ހުރިހާ ބޭފުޅުން އަޅުގަނޑާއެކު ނުކުމެ ތިއްބެވި، އަޅުގަނޑަކަށް މިއަދަކު ނެތް އެ ވައުދުތަކާ ދުރަށް ދެވޭކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވި ބަދަލު ގެނެސްފައިވާކަމަށާ އެހެންކަމުން އެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ މަޖުބޫރުކަމެއްކަމަށެވެ. އަދި ވައުދުތައް ފުއްދުމުގައި އެންމެ ވަގުތުކޮޅެއްވެސް މަޑުނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެެމަނިކުފާނު ވިދާޅުވީ އަނިޔާވެރިކަން ނައްތާލުމާއި، ކޮރަޕްޝަންގެ ވަބާ ފޮހެލުމާއި، އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކާއި، އަތޮޅަކަށް ފޯރުކޮށްދިނުމާއި، ހުރިހާ އެންމެންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބަދަލު ގެނައުމަކީ ވެވަޑައިގެންފައިވާ ވައުދުތައްކަމަށެވެ. އެހެންކަމުން އެ ވައުދުތައް ފުއްދުމުގައި އެހީތެރިވެދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.