ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރިޝްވަތުދީ، ވޯޓް ވިއްކުން އެންމެ ފުޅާކޮށް ކުރިއަށްދާ އިންތިޚާބުކަމަށް އާންމުންގެ ފަރާތުން އިވޭ ވާހަކަތަކުން ގަބޫލުކުރެވޭކަމަށް ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެކި ތުހުމަތުތަކާއި، ހުކުމްތަކުގައި ޖަލުގައި ބަންދުކުރެވުނު ސިޔާސީ އެތައް ބޭފުޅުންނެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ވަކީލް ޝަމީލް މިހެން ވިދާޅުވީ މަޖިލީސް އިންތިޚާބުގެ ކެންޕެއިންތެރޭގައި ހިންގަމުންދާ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝަމީލް ވިދާޅުވީ ވަރަށް ގިނަ މީހުންގެ ފަރާތުން އިވޭ ވާހަކަތަކުން ގަބޫލުކުރެވޭގޮތުގައި މިފަހަރު ބޭއްވޭ މަޖިލީސް އިންތިޚާބަކީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ޚަރަދުކުރެވޭ އިންތިޚާބުކަމަށެވެ.

އަދި ރިޝްވަތުދީ، ރިޝްވަތުގައި ހިފާ، ވޯޓް ގަނެ ވިއްކުން އެންމެ ފުޅާކޮށް ކުރިއަށްދާނެ އިންތިޚާބުކަން ކަންބޮޑުވުމާއިއެކު ޝަމީލް ވަނީ ފާހަގަކުރައްވާފައެވެ.