ރ. އަނގޮޅިތީމުގައި ބަނދަރުގެ ދަތިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ދައްޗެއް ކަމަށް އަނގޮޅިތީމު ކައުންސިލުން ބުނެފި އެވެ.

ވީޓީވީގެ އެތެރެފަރާތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރ. އަނގޮޅިތީމު ކައުންސިލްގެ ރައީސް ގާސިމް ހުސައިން ވިދާޅުވީ އަގޮޅިތީމުގެ ބަނދަރު ހަދާފައިވާ ގޮތުން އުފެދޭ އޮއެވަރެއްގެ ސަބަބުން ރަށަށް ވަދެ ނިކުތުމުގައި އުޅަނދުތަކަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ބަނދަރު ސަރަހައްދަށް އާންމުކޮށް ވަދެ އުޅެނީ މުދާ އުފުލާ އެންމެ ބޯޓެއް ކަމަށާއި އެ ބޯޓަށް ކަމެއް ދިމާވާ ހާލަތެއް އަތުވެއްޖެ ނަމަ ރަށުގެ ވިޔަފާރިތަކަށް ބޮޑު ހުރަހެއް އެޅި ރައްޔިތުން ކާޑަށް ޖެހޭ ކަމަށެވެ.

"ރަށުގެ ބަނދަރަކީ ވަރަށް ކުޑަ ބަނދަރެއް. ނެރު މަތީގަ އުފެދޭ އޮއެވަރެއްގެ ސަބަބުން ރަށަށް ވަދެ ނިކުތުމުގަ ވަރަށް ބޮޑެތި ދަތި ތަކެއް ކުރިމަތިވޭ. ރަށަށް ވަދެ ނިކުމެ އުޅެނީ އެންމެ ބޯޓެއް. އެއީ ރަސްގަތީމު ބޯޓެއް. އެ ބޯޓު އެހެލައިފި ނަމަ ރައްޔިތުން ކާޑަށް ޖެހޭތަން އާދޭ. ދެން ވިޔަފާރިވެރިން ދާން ޖެހެނީ ކޮންމެވެސް އެހެން ރަށަކަށް ކާޑު ހޯދަން." ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި ފަހަރު މަތިން ކައުންސިލުން ސަރުކާރަށް ހުށަހެޅި ކަމަށާއި 2012 ވަނަ އަހަރުން ފެށިގެން ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރި ކަމަށެވެ.

ގާސިމް ވިދާޅުވީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރަށުގެ ބަނދަރުގެ މަސައްކަތް ބަޖެޓުވެސް ކުރި ކަމަށެވެ. އެހެން ނަމަވެސް މިހާ ހިސާބަށް އައި އިރުވެސް މައްސަލައަށް ހައްލެއް ހޯދުމުގެ އަމަލީ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

529 މީހުންގެ އާބާދީއެއް އޮންނަ އަނގޮޅިތީމުގެ ތަރައްގީއަށް ކައުންސިލުންނާއި ރައްޔިތުން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ތެރެއިން މާބޮޑު އެއްބާރުލުމެއް ލިބެމުން ނުދާ ކަންވެސް ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އުއްމީދަކީ މި ސަރުކާރުގައި ބަނދަރުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއުން ކަމަށެވެ.