ތ. ދިޔަމިގިލީގައި ދަގަނޑު ފިލައެއް ވެއްޓި މީހެއްގެ ކަނާތު ފައިގެ ބައެއް އިނގިލިތައް ބުރިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ދިޔަމިގިލީ ބޯޓްޔާޑުގައި ފޯކްލިފްޓެއް ބޭނުންކޮށްގެން ދަގަނޑު ފިލައެއް ތިރިކުރަން އުޅުމުގެ ތެރޭގައި އެ ފިލާ ވެއްޓިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު 9:15 ހާއިރު ހިނގާފައިވާ މި ހާދިސާގައި އަނިޔާވެފައިވަނީ ބޯޓްޔާޑުގައި މަސައްކަތްކުރާ 36 އަހަރުގެ ފިރިހެނަކަށެވެ.

އަނިޔާވި މީހާއަށް ދިޔަމިގިލީ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުންދާއިރު އިތުރު ފަރުވާއަށް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ދަނީ ދަގަނޑު ފިލާ ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.