(10 މާޗް 2019އާ ގުޅޭ)

"ތިއީ ވަރަށް ކިޔަވާހިތްވާ ބުޅަލެއް. އަހަރެމެން މިތަނުގައި ކިޔަވަން ތިބޭނަމަ މި ތަނަށް އަންނާނެ" އެހެން ދަރިވަރަކު ހުސޭނާ ވާހަކަދެއްކިއެވެ. އެ ވާހަކަތައް މެދުކަނޑާލާފައި ހުސޭނަށް ތެދުވަން ޖެހުނީ އެހެން ގުރޫޕެއް އެ ބެންޗަށް އައުމުންނެވެ.

"ކިޔަވާ ހިތްވާތީތާ މި ތަނުން ބޭރަށް ނުގޮސް މި ތަނުގައި އެ އޮންނަނީ" ހުސޭނު ބުންޏެވެ. އެ ބުނުމަށް ވެސް އެ ސޮރު ގޮވާލިއެވެ.

"އެކަން އަހަރެމެންނަށް އެނގޭ. އެ ބުޅަލުގެ މޮޅުކަން ވެސް އެނގޭ. ބޭބެ ގަބޫލެއް ނުކުރަމުތަ؟" ގުރޫޕުން ދަރިވަރަކު ހުސޭނާ ސުވާލުކުރިއެވެ. ހުސޭނު ވިސްނާލިއެވެ.

"ބަލަ ތީ ބުޅަލެއްނު؟ ތިއަށް އެނގޭނީ ކޯންޗެއް؟" ހުސޭނު ޖަވާބު ދިނީ ދަރިވަރުން ލައްވާ އިތުރު ކަންތައްތަކެއް ޔަގީން ކުރުވުމުގެ ބޭނުމުގައެވެ. އެ ބުޅަލާމެދު ހީވާ ހީވުންތައް ޔަގީންކުރުމުގެ ބޭނުމުގައެވެ.

"އަޅެ ބަލަން ހުރެބަލަ؟ މި ސޮރުގެ މޮޅުކަން ފެންނާނެ. ބޭބެއަށް ވެސް އެއްކޮށް ކަނޑަން އެނގެއެއްނު. މި ޖަހާ ނަންބަރުތައް އެއްކުރާ ގޮތް ނުބައިނަމަ މި ސޮރަށް އެކަން އެނގޭނެ. ނުބައި ވުމުން މި ސޮރު ގޮވާލާނެ" ބެންޗުގައި އިން ދަރިވަރަކު ވާހަކަދައްކަމުން ހިސާބު ނަންބަރުތަކެއް ޖަހަމުން އެއް ކުރަމުން ދިޔައެވެ. ބައެއް ނަންބަރުތަކުގެ ޖަވާބު ލިޔުނީ ނުބައި ކޮށެވެ. އަނެއްބައި ނަންބަރުތައް ލިޔުނީ ރަނގަޅަށެވެ. ނުބައި ޖަވާބެއް ލިޔުމާއެކު އެސޮރު ގޮވާލައެވެ. އެ ޖަވާބު ގަލަމުން ކަނޑާލައި ރަނގަޅު ޖަވާބު ލިޔުމާއެކު އެ އަޑު ހުއްޓާލައެވެ. ހުސޭނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސްހުއްޓިފައެވެ. އެ ބުޅަލާމެދު ނަޖުމީ ދެއްކި ވާހަކަތައް ގަބޫލުކުރަން މަޖުބޫރުވެފައެވެ.

"އަހަރެމެން އެއްޗެއްގެ ޖަވާބު ޔަގީން ކުރަންވެއްޖެނަމަ އަހަނީ މިސޮރު ގާތުގައި. ފޮތުގައި އެ ޖަވާބެއް ލިޔުމުން ރަނގަޅު ނޫންނަމަ މި ސޮރު ގޮވާލާނެ. އަދި އަހަރެމެން އެހި އެއްވެސް ސުވާލެއްގެ ޖަވާބު ގޯސްވެފައެއް ނުވޭ. އެހެންވީމާ މިއީ އަހަރެމެން ވަރަށް އިތުބާރު ކުރާ ބުޅަލެއް" ބުޅަލުގެ މޮޅުކަމަށް ތަޢުރީފު ކުރަމުން އެއް ދަރިވަރަކު ބުންޏެވެ.

"ތި ބުޅަލުގެ މޮޅުކަން އެނގުނުތާ މިހާރު ކިހައި ދުވަހެއް ވެއްޖެ؟" ހުސޭނު ބޭނުންވީ އެ ބުޅަލާ ގުޅޭ އިތުރު މަޢުލޫމާތު ހޯދާށެވެ.

"މާގިނަ ދުވަހެއް ނުވޭ. އަދި ވާނީ ދެ ހަފުތާ" އެ ދަރިވަރު ޖަވާބު ދިނެވެ.

"ކިހިނެއް ތި ބުޅަލަށް ޖަވާބުތައް އެނގޭކަން އެނގުނީ؟" ހުސޭނު ކުރީ އިތުރު ސުވާލެކެވެ.

"އަހަރެމެންނަށް އެނގުނީ؟ ބުޅަލާ ސުވާލު ކުރީމައެއްނު. އެ ނޫން ގޮތަކަށް އެނގޭނެތަ؟" ކުރިން ވާހަކަދެއްކި ދަރިވަރު ނޫން އެހެން ދަރިވަރަކު ޖަވާބު ދިނެވެ.

"ބުޅަލާ ސުވާލުކުރަން އެނގުނީ ކިހިނެއް؟" ހުސޭނު އަނެއްކާ ވެސް ކުރީ ސުވާލެކެވެ. އެ ސުވާލާއެކު ބުޅާ އެ ތަނުން ދުއްވައިގަތީ ގަސްތަކުގެ ތެރެއަށެވެ. ހުރިހާ ދަރިވަރުންނަށް ބަލަހައްޓައިގެން ތިބެވުނީ ބުޅަލަށެވެ.

"ބުޅަލަށް ކިހިނެއް އެވީ؟" ކުރިން ވާހަކަދެއްކި ދަރިވަރަށް އަހާލެވުނެވެ.

"ނޭނގެ. ހަމަ އޮވެފައި އެ ދުއްވައިގަތީ. ކޮންމެ ވެސް ކަމެއް ވެއްޖެ. އެހެން ނޫންނަމަ އެގޮތަށް ދުއްވައެއް ނުގަންނާނެ" އެހެން ދަރިވަރަކު ޖަވާބު ދިނެވެ.

"މަށަށް މާ ގިނައިން ސުވާލު ކުރެވުނީ ކަންނޭނގެ. އަހަރެން މިދަނީ" ހުސޭނުގެ އެ ޖުމުލަތަކަށް އެ ދަރިވަރުން ޖަހާލީ ހިނިގަނޑެކެވެ. ހުސޭނު ހިނގައިގަތީ އޭނާ އިންނަ ޖަގަހައާ ދިމާއަށެވެ.

ރޭގަނޑުގެ ޓިއުޓީއަށް މީހުން ބަދަލުވިއެވެ. ހުސޭނުގެ ޑިއުޓީ ނިމުމާއެކު އޭނާ ހިނގައިގަތީ ނަޖުމީ ޑިއުޓީ އަދާކުރާ ފެކަލްޓީއާ ދިމާއަށެވެ. ހުސޭނު އެތަނަށް ގޮސް ނަޖުމީއާ ބައްދަލުކުރިއެވެ.

"ނަޖުމީ ބުނީ ތެދުކަން މަށަށް ޔަގީން ކުރެވިއްޖެ. އެއީ ބުޅަލެއް ނޫންކަން މަށަށް ގަބޫލުކުރެވިއްޖެ. ނޭނގެނީ އެއީ ކޮން އެއްޗެއްކަން؟ ކާކުކަން؟ އެއީ އެ ގެއްލުނު ކުއްޖާތަ؟ އޭނާގެ......" ހުސޭނުގެ ވާހަކަ ހުއްޓުނީ ކަންފަތް ބުޑުން ކަހަލަ ގޮތަކަށް އިވުނު ބުޅަލެއްގެ ރުއިމުގެ ބާރު އަޑުންނެވެ. އޭނާއަށް ދެ ކަންފަތުގައި އަތް އަޅައިލެވުނީއެވެ. ނަޖުމީއަށް ފަރާތް ފަރާތަށް ބަލައިލެވުނީއެވެ. ވީ ކީއްކަން ނަޖުމީއަށް އެނގުނެވެ. އެ ބުޅާ ދުވެ ރައްކާވާތަން ނަޖުމީގެ ދެ ލޮލަށް ފެނުނެވެ.

"ބުނަން އެ ވާހަކަ ނުދައްކާ. އެކަން ސިއްރުކުރުން އެންމެ ރަނގަޅީ. އެ ސޮރަށް އެނގިއްޖެ ހުސޭނަށް އެ ސޮރުގެ ހަގީގަތް އެނގިއްޖެކަން. އެ ސޮރު އެ ކަންބޮޑުވަނީ ހުސޭނު ތި ވާހަކަތައް ދައްކާތީ. ތިއީ އަހަރެން ވެސް ކުރި ތަޖުރިބާއެއް. އެ ވާހަކަ ނުދައްކާ އަހަރެން މި ހުންނަނީ އެހެންވެ. އަހަރެންނަށް ކަންކަން އެނގުނު ނަމަވެސް އަހަރެންގެ ދުލުން އެ ވާހަކަތައް މީހަކަށް ކިޔައެއް ނުދެން. ކިޔައި ދިނުމުން އަހަރެންނަށް ވާގޮތް އަހަރެންނަށް އެނގޭ" ނަޖުމީ ވާހަކަދެއްކީ އޭނާއަށް ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައެވެ.

"ބަލަ މި ތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ބުޅަލުގެ މޮޅުކަން އެބަ އެނގޭ. އެތައް ކުދިބަޔަކަށް އެކަން އެވަނީ ފާހަގަކުރެވިފައި. އެ ދަރިވަރުންގެ ކިޔެވުމުގައި އެ ބުޅާދަނީ އެހީތެރިވަމުން. އެހެންވީމާ އެ ބުޅަލުގެ ވާހަކަތައް ދައްކާނެ" ހުސޭނު ހިއްސާކުރީ ނަޖުމީއަށް އެނގިފައި ނުވާ މައުލޫމާތެކެވެ.

"އެކަމަކު އަހަރެމެންނަށް މި އެނގޭ މަޢުލޫމާތުތަކެއް އެ މީހުންނަކަށް ނޭނގޭނެއެއްނު. އެ މީހުންނަށް އެނގޭނީ އެއީ ބުޅަލެއްކަމެއްނު" ނަޖުމީ ވިސްނާލަމުން ޖަވާބު ދިނެވެ.

"އަހަރެން ވަރަށް ޖެހިލުންވެއްޖެ. ކަމެއް ގޯސްވެދާނެތީ އެބަ ބިރުގަނޭ" ހުސޭނަށް ކުރެވުނު ތަޖުރިބާއާ މެދު އޭނާ ޖެހިލުންވިއެވެ.

"ބުނަން. ނަމަނަމަ މީހަކާ މި ކަންކަން ހިއްސާ ނުކުރާތި. އޭރުން އަހަރެން ވެސް އަދި ހުސޭނަށް ވެސް ލިބޭނީ ގެއްލުން. އެކަންކަން އެނގޭތީ އަހަރެން މި ބުނަނީ. ގަބޫލުކުރޭ. އެކަން ހިއްސާ ނުކުރާނަމަ އެއްވެސް ކަމެއް ނުވާނެ" ނަޖުމީގެ ވާހަކަތައް ހުސޭނު ގަބޫލުކުރިއެވެ. އެ ވާހަކަތަކުން ހުސޭނު ހިތްވަރު ހޯދިއެވެ.

ޖެހިގެން އައި ދުވަހު މުޅި ޔުނިވަރސިޓީގައި ދައްކަނީ ބުޅަލެއްގެ ވާހަކައެވެ. އެ ސޮރުގެ މޮޅުކަމުގެ ވާހަކައެވެ. ކޮންމެ ސުވާލެއް ކުރިނަމަވެސް އެ ސޮރު ޖަވާބުދޭ ވާހަކައެވެ. އެ އަޑުތަކުގެ ސަބަބުން މުޅި ޔުނިވަރސިޓީގެ ސަމާލުކަމަށް އެކަން އައެވެ. އެކަންކަން ތަޖުރިބާ ކުރި ދަރިވަރުންގެ ހާޒިރުކޮށް އެކަމުގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ވެސް ޔުނިވަރސިޓީން ފެއްޓިއެވެ. އެންމެ ފަހުން އެކަން ބޮޑު ސުރުޚީއަކަށްވެ ބައެއް ދަރިވަރުން ބިރުން އުޅެން ފެށިއެވެ. ފާޑުފާޑުގެ ވާހަކަތައް ދައްކަން ފެށިއެވެ. ބިރުވެރި އެއްޗެހި ފެންނަ ވާހަކައާއި އަނދިރި ގަނޑުގަނޑު ފެންނަ ވާހަކަވެސް ދައްކަން ފެށިއެވެ. އެ ވާހަކަތަކުން އެންމެ ފަހުން ޔުނިވަރސިޓީއަށް މަޖުބޫރުވީ އެތަނުގެ ގޯތި ތެރޭގައި އުޅޭ ބުޅާތައް ބޭރު ކުރާށެވެ.

ރޭގަނޑު 11 ޖެހިއިރު ހުރިހާ ވޮޗަރުން ތިބީ ޔުނިވަރސިޓީ މައި އިދާރާގެ ގޯތި ތެރޭގައެވެ. ބުޅާތައް ހިފުމުގެ މަސައްކަތުގައެވެ. އެކަމުގައި އިސްވެ އުޅުނު އެކަކީ ނަޖުމީއެވެ. އޭނާއާއެކު ހުސޭނު ވެސް ހުއްޓެވެ. ނަޖުމީ ކަންކުރަންވީ ގޮތް އޭނާއަށް އެނގެއެވެ. އޭނާ ކަންކުރާނެ ގޮތް ވެސް އޭނާ ވަނީ ވިސްނާފައެވެ. އެ ނިޔަތުގައި ނަޖުމީ ހޯދީ ފުރުޞަތެކެވެ. އެ ފުރުޞަތު ބޭނުންކޮށް ނަޖުމީއާއި ހުސޭނު ދިޔައީ ސައިކަލުތައް ޕާކުކުރާ ސަރަހައްދަށެވެ.

ނަޖުމީއާއި ހުސޭނު ގޮސް އެ ބުޅާ ހޯދިއެވެ. ނަޖުމީއާއި ހުސޭނު ފެނުމުން އެ ސޮރުގެ މަޑު ދުވެލީގައި އެ ސޮރު އޮތްތަނުން ނުކުތެވެ. އޭގެ ފަހަތުން ނަޖުމީއާއި ހުސޭނު ދިޔައެވެ. އެސޮރު ގޮސް ބޭރު ގޭޓު ކައިރި މަޑުކޮށްލިއެވެ. އަދި ދެތިން ފަހަރު ގޮވާލިއެވެ. ނަޖުމީ ހިތުގައި ޖެހުނެވެ. ބޭރުކޮށްލެވެނީ ބުޅަލެއް ނޫންކަން އޭނާއަށް އެނގެއެވެ. ތަނަށް ލޯބި ޖެހިފައިވާ ދިރުމެއްކަން އޭނާ ގަބޫލުކުރިއެވެ. ނަމަވެސް މަޖުބޫރިވީއެވެ. ހުރިހާ މަގެއް ބަންދުވީއެވެ.

"އެ ބުޅާ އެއޮތް ވެއްޓުނީ؟" ބުޅަލަށް ނަޒަރު ހުއްޓާލައިގެން ހުރި ހުސޭނަށް ބުނެވުނެވެ. އޭރު އެބުޅާ ބިންމައްޗަށް ދެމެނީއެވެ. ނަޖުމީއަށް އިތުރަށް ކައިރިވެލެވުނެވެ. އަޅައިގަތީ އެ ސޮރުގެ ލޮލުން ނީރިފައިވާ ކަރުނައިގެ ދަޅައެވެ. ވިންދާއި ހަރަކާތް ހުއްޓިފައިވާ މަސްގަނޑެވެ.

"އެ ސޮރު މަރުވީތަ؟" ހުސޭނަށް އަހައިލެވުނީ ސުވާލެކެވެ.

"އާނ. ހިތްދަތިވީ. މި ތަނުން ނުކުންނަން ޖެހުމުން ދެރަވީ. ކެތް ނުވީ. އެއީ ވެސް ދިރުމެއް. މިތަނގައި އެ އުޅުނީ އުޅޭ ހިތުން. އެކަމަކު މިތަނުން ނެރެލުމުން ގޮތް ހުސްވީ" ނަޖުމީ ޖަވާބު ދިނީ ހުސޭނުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ބިންމަތީ ގައި އޮތް ބުޅަލަށް ދެމީހުންގެ ނަޒަރު ސީދާ ކޮށްލިއިރު އެ ބުޅަލެއް އެތާކު ނެތެވެ. އެ މަސްގަނޑެއް އެ ތަނަކުން ނުފެނުނެވެ.

"ކިހިނެއް އެވީ؟" އަނެއްކާ ވެސް ހުސޭނަށް އަހައިލެވުނެވެ.

"އެކަމުން މި ސަލާމަތްވީ. ދެން އެ ސޮރަކަށް އެގޮތަކަށް ނޫޅެވޭނެ. އެކަން އެ ނިމުނީ. އެއީ މިތަނަށް ދެވި ހިފައިވާ ރޫހެއް. އޭގެ ވަގުތު ހަމަވެގެން އެ ނުކުތީ. އެ ބުޅާ ފެންނަން އޮތް ނަމަ އަދިވެސް މިތަނަށް އައުމުގެ ފުރުޞަތު އޮތީސް. ނަމަވެސް ގެއްލުމުން އޭގެ މާނައަކީ ދެން އަނބުރައެއް ނާދެވޭނީ. އެ ދެވިހިފުން ނިމުމަކަށް އައީޔޭ" ނަޖުމީގެ ދުލުން ދެއްކި ވާހަކަތައް ހުސޭނު ގަބޫލުކުރިއެވެ. އެކަން ވީވެސް އެހެންނެވެ. އޭގެ ފަހުން އެފަދަ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. އެ ތަޖުރިބާ އިތުރަށް ކުރާކަށް ނުޖެހުނެވެ. އެކަން މާޒީއާ އެކުވެ ހިނދިގެން ދިޔައީއެވެ.

(ނިމުނީ)