އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރު ތަކުގެ ގިނަ އޮޕަރޭޝަންތައް ހިންގަނީ ދިމާވާ އެކި ސިއްޙީ ހާލަތްތަކުގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ އެމްއެންޑީއެފް އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރު ތަކުގައި ގިނަ އޮޕަރޭޝަން ތަކެެއް ހިންގަނީ ބަލި މީހުން އެއްްތަނުން އަނެއްތަނަށް އުފުލުމަށް ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރުން ހިންގި 36 އޮޕަރޭޝަންގެ ތެރެއިން 90 އިންސަންތައަކީ އެފަދަ ކަންކަމާއި ގުޅިފައިވާ އޮޕަރޭޝަންތައް ކަމަށެވެ.

"މަކުނުދޫގެ ޕޭޝަންޓް ގެނައުމަށްޓަކައި ޑޮކްޓަރު ހުއްދައެއް ނުދޭ ކައިރި ޖެހިގެން އޮތް އެއާޕޯޓަށް ވެސް ކަނޑުމަގުން ގެންދާކަށް. އެހެން ވެއްޖެ ކަމަށް ވެއްޖެއްޔާ ދެން ކިހިނެއްތޯ އެވިކުއޭޓް ކުރާނީ ހެލިކޮޕްޓަރެއް ނެތި. އެހެންކަމުން އަޅުގަނޑުމެން އޭނަގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ހެލިކޮޕްޓަރު މި ބޭނުން ކުރަނީ." އަލީ ޒުހައިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދަތުރު ފަތުރުގެ ނިޒާމްގެ ދަތިކަން ހުރި ރަށް ރަށުން ބަލިމީހާ އެންމެ އަވަހަށް މާލެ ގެނައުމަށް އޮތް ހައްލަކީ ހެލިކޮޕްޓަރު ކަަމަށެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން ރާއްޖޭގައި އުދުހޭ އިރު އެކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ އަބަދުވެސް ފާޑު ކިޔަމުންނެވެ.

އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު ހެލިކޮޕްޓަރުތައް އަނބުރާ އިންޑިއާއަށް ފޮނުވާލުމަށްވެސް ނިންމައި ހެލިކޮޕްޓަރުތައް ގެންދިޔުމަށްވެސް އިންޑިއާ ސަރުކާރަށް އެންގިއެވެ.