ފުލުހުންގެ އިދާރާއިން އިތުރު ވަޒީފާތައް ހުޅުވާލައި، ފުލުހުންގެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫ އަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ފުލުހުންގެ ދައުރު ބޮޑު ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ފުލުހުންގެ އިސްވެރިންނާ އެކު އެމަނިކުފާނު މާދަމާ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެބައްދަލުވުމުގައި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރަނގަޅަށް ލިބޭ ގޮތް ހަދައިދިނުމަށް ފުލުހުންގެ މުއައްސަސާއަށް އިތުރު މީހުން ވައްދަން ޖެހޭ ކަމަށެވެ. އެހެންކަމުން މާދަމާގެ ބައްދަލުވުމުގައި އެ މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފުލުހުންގެ ތެރެއަށް އިތުރު މީހުން ވައްދަން ޖެހޭ. ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ރަނގަޅަށް ލިބޭ ގޮތް ހަދައިދޭން ޖެހޭ. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. ވާހަކަ ދައްކާނަން." ރައީސް ވިދާޅުވި އެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ފުލުހުންގެ އަދަދު އިތުރު ނުކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ބޭތިއްބުމަށް ދަތިވާނެ ކަމަށް ފުލުހުންގެ އިދާރާއިން މީގެކުރިން ބުނެފައިވެ އެވެ. މާލެއާއި އަތޮޅު ތެރޭގައި ހިންގާ ކުށްތަކުގެ އަދަދު މަދުކުރުމަށްވެސް އިތުރު ފުލުހުން ބޭނުންވާ ކަމަށް ފުލުހުންގެ އިދާރާއިން އަބަދުވެސް ގެންދަނީ ބުނަމުންނެވެ.