ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ހ. ސަކީނާމަންޒިލްގެ ތިންވަނަ ފަންގިފިލާގައި ހަދާފައިވާ އެސްއެމްއީ ބޭންކް ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު މާދަމާ ހެނދުނު 9:30 ގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ އާޓް ގެލަރީގަ އެވެ.

އެސްއެމްއީ ބޭންކް މާދަމާ ހުޅުވަން ތައްޔާރުވެފައި މިވަނީ މިބޭންކުން މި ހަފްތާގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ ރަށް ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަމަކީ އެ ރަށެއްގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި، އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެސްއެމްއީ ބޭންކް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެ ކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އެމްއެމްއޭއިން ބުނީ މި ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލެއާއި އައްޑޫގެ އިތުރަށް ފުވައްމުލައް ހިމެނޭ ގޮތަށް މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް އިންސައްތައިގެ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްއެމްއީ ކުންފުނިން ވިޔަފާރި ފެށުމުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއިން ދެކޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މިބޭންކް މަސައްކަތް ކުރަމުންދާނީ ކޮންވެންޝަނަލް ބޭންކެއްގެ ގޮތުގައި ނޫން ކަމަށާއި ބޭންކްގެ އަމާޒަކަށް ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އަތުގައި ހިފައިގެން އެފަދަ ވިޔަފާރިތައް ކޮޅަށް ޖެހުން ކަމަށެވެ.

ރާއްޖޭގައި މިހާރު ހިންގަމުންދާ ގިނަ ބޭންކްތަކަކީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ ބޭންކްތަކަކަށް ވުމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ނެގުމުގައި ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން އެސްއެމްއީ ބޭންކެއް ރާއްޖޭގައި ގާއިމުވެގެން ދިއުމުން ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިކަމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.