ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ. މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހްމަދުގެ ނަން އޭނާ ނަގައިފި އެވެ.

މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އަހުމަދު ނަން ނަގާފައިވާ ކަން ވަނީ ކަށަވަރު ވެފަ އެވެ.

އަލީ އަހުމަދުގެ ނަން ނެގުމުން މިހާރު މަހިބަދޫ ދާއިރާއަށް ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ސުނިލްއާއި އަހުމަދު ހުސައިން އެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު ނަން ނެގިއިރު، އެ ދާއިރާއަކީ އެމްޑީޕީއާއި އަދާލަތު ޕާޓީން ކުރި މަޝްވަރާގެ ތެރެއިން އެމްޑީޕީން ވާދަނުކުރާ ގޮތަށް ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.

މަހިބަދޫ ދާއިރާގެ އިތުރުން ވައިކަރަދޫ ދާއިރާއާއި، މަކުނުދޫ ދާއިރާއާއި، ކާށިދޫ ދާއިރާއާއި، މިލަންދޫ ދާއިރާއާއި، ފުވައްމުލަކު ދެކުނު ދާއިރާ ވެސް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް އެއިރު މަޝްވަރާ ކުރި އެވެ. ނަމަވެސް މަހިބަދޫ ދާއިރާގެ ކެންޑިޑޭޓް ފިޔަވައި އެހެން ދާއިރާތަކުގެ ކެންޑިޑޭޓުން އެ މީހުންގެ ނަން އަނބުރާ ގެންގޮސްފައެއް ނުވެ އެވެ.

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މަހިބަދޫ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު ވަނީ ކެންޑިޑޭޓުން ނަން ތަރުތީބު ކުރުމުގެ ގުރުއަތަށް ފަހު ނަން އަނބުރާ ނަގާފަ އެވެ.

މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހްމަދުގެ ނަން ނެނގި ނަމަވެސް އޭނާ ނަން ނަގާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް ދީފައިވާ ތާރީހުގެ ފަހުން ކަމަށްވާތީ ވޯޓް ކަރުދާސް ކޮޅުގައި އޭނާގެ ނަން އޮންނާނެ އެވެ.