ހެނދުނު ހޭލާގޮތަށް ބުއިމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރަނީ ކޮން އެއްޗެއްތޯއެވެ؟ އެ ބުއިމަކީ ފެނާއި ލުނބޯ ނުހިމެނޭ ބުއިމެއްނަމަ، އެއީ ޔަގީނުންވެސް ހަށިގަނޑަށް އެންމެ ފައިދާހުރި ބުއިމެއް ނޫނެވެ.

"ފެނާއި ލުނބޯ އެކުލެވޭ ބުއިންތަކަކީ، ދުވާލުގެ ކޮންމެ ވަގުތަކު ބޭނުންކުރި ނަމަވެސް، ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރުވާ ބުއިމެއް،" ޑައިޓިޝަނެއް ކަމަށްވާ އޭޝްލީ ކޮފް ބުންޏެވެ،

ފެނަކީ އިންސާނާގެ ހަށިގަނޑަށް އެންމެ މުހިއްމު މާއްދާތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ފެނާއި ނުލައި ދިރިހުރުމަކީ ހަށިގަނޑަށް ކުޅަދާނަ ކަމެއް ނޫނެވެ. ސަބަބަކީ، ފެނަކީ ހަށިގަނޑުގައި އެކުލެވޭ ސެލްތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދީ، ސެލްތައް ސާފުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ފެނަށް ލުނބޯ ހުތް އެއްކުރުމަކީ، ފެނުގެ ޞިއްހީ ފައިދާތައް އިތުރުކޮށްދޭ ކަމެކެވެ. ލުނބޯ ހުތަކީ ފެނުގެ "އަލްކަލައިން" މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ.

ލުނބޯހުތު ފަންޏަކީ ހަށިގަނޑުގެ ހަޖަމްކުރުމުގެ ނިޒާމަށް އެހީތެރިވެދޭ، ހަށިގަނޑުގައިވާ ރަނގަޅު "ބެކްޓީރިއާ" އަށް މުހިއްމު ބުއިމެކެވެ. ލުނބޯ ހުތަކީ ކުޑަ ގޮހޮރުގައި "ސޯޑިއަމް ބައިކާބް" ކިޔާ މާއްދާއެއް އުފައްދަން އެހީތެރިވެދޭ އެއްޗެކެވެ.

"ލުނބޯހުތު ފަނި ނުބޯންވީ އެއްވެސް ސަބަބެއް ނެތް! މި ބުއިމަކީ ކަރުހިއްކުމާއި ދުރުކޮށްދޭ، ހަށިގަނޑުގެ މަސްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއް. މީގެ އިތުރުން މިއީ ބަރުދަން ލުއިކުރުމުގައިވެސް އެހީތެރިވެދޭ މުހިއްމު ބުއިމެއް،" އެހެން ޑައެޓިޝަނެއް ކަމަށްވާ ސްޓެފަނީ ފެރާރީ ބުންޏެވެ.